16 Jan 2013, 23:59
މިހިނގާ ފުޓްބޯޅަ ސީޒަން ނިމުމުން ކާމިޔާބު ކޯޗު ޕެޕް ގާޑިއޮލާ ޖަރުމަނުގެ ބަޔާން މިޔުނިކާ ހަވާލުވާނެ ކަން އެ ޓީމުން ކަށަވަރުކޮށްދީފި އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗް ގާޑިއޮލާ ބަޔާން މިޔުނިކާ އެކު ސޮއިކޮށްފައި ވަނީ އަންނަ ޖުލައި މަހުން ފެށިގެން ތިން އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ކަމަށް އެޓީމުން ބުނެފައިވެ އެވެ.
"ޕެޕް ގާޑިއޮލާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅުއެއްކޯޗު. އަހަރެމެންނަށް ޔަގީންކަން އެބައޮތް އޭނާ ބަޔާން މިޔުނިކުގެ ފުޓްބޯޅައިގެ އިތުރުން މުޅި ޖަރުމަނުގެ ފުޓްބޯޅައަށް ވެސް ވިދުން ގެނުވާނެކަން،" ބަޔާންގެ ޗީފް އެގްޒެކެޓިވް ކާލް ޖެއިންޒު ރަނިނޭޖް ބުންޏެވެ.
ބަޔާން މިޔުނިކުގެ މިހާރުގެ ކޯޗް ޔުޕް ހެއިންކެސްގެ ކޮންޓްރެކްޓް މިހިނގާ ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.
ބާސެލޯނާގެ ކުރީގެ ކޯޗު އުމުރުން 41 އަހަރުގެ ގާޑިއޮލާ ވަނީ ބާސާގައި ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެޓީމަށް 14 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެތެރޭގައި ދެފަހަރު ޗެމްޕިއަންސް ލީގު ހޯދައި ދީފައިވެ އެވެ.
ބަޔާން މިއުނިކުން މިއަދު އެ ޓީމުގެ ކޯޗުކަމާ ގާޑިއޮލާ ހަވާލުވާނެ ކަން އިއުލާނުކުރުމުން އެންމެ ބޮޑު ނުތަނަވަސް ކަމެއް އުފެދޭނީ ޕްރިމިއާ ލީގުގެ ދެ ޓީމު ކަމަށްވާ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އެވެ. ސަބަބަކީ އިއްޔެގެ ވަގުތެއްގައި ގާޑިއޮލާ އޭނާ އިނގިރޭސި ޓިމަކަށް ކޯޗުކަން ކޮށްދިނުމުގެ ޝައުގުވެރިކަން ފާޅުކުރުމުން އޭނާ އެ ދެ ޓީމުންކުރެ ޓީމަކަށް އަތުވެދާނޭ ކަމުގެ އަޑުތައް ވަނީ ވަރަށް ގަދަވެފަ އެވެ.
"ކުޅުންތެރިއެއްގެ ގޮތުން އިނގިރޭސި ލީގުގައި ކުޅުމުގެ ހުވަފެން އަހަންނަކަށް ހަގީގަތަކަށް ނުހެދުނު. އެކަމަކު ކޯޗެއްގެ ހައިސިއްޔަތުން އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިންނާއި ކޯޗުންނާއި ސަޕޯޓަރުން ތަޖުރިބާ ކުރުމުގެ ފުރުސަތު އަހަންނަށް އެބައޮތް،" ގާޑިއޮލާ ބުނެފައިވެ އެވެ.