ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ގްރޫޕް ސީގައި ކްލަބް ގްރީން ސްޓްރީޓް އަތުން 1-0 ލަނޑުން ކެލާ ނާޅި ސްޕޯޓްސް މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު އެމެޗުގެ ހަމައެކަނި ލަނޑު ކެލާ ނާޅިން، ގްރީން ސްޓްރީޓް ކޮޅަށް ޖެހީ މެޗުގެ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ހަސަން ސަހީދެވެ.

އެއް ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފުގެ ކުޅުން ކެލާ ނާޅިން ނިއްމާލި އިރު، ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކެލާނާޅި ޓީމްގެ ގޯލްކީޕަރަށް ރެފްރީ ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ގްރީން ސްޓްރީޓް ޓީމުގެ ކުޅުންތެރިއަކަށް ޕެނަލްޓީ އޭރިޔާ ކުރިމަތިން ފައުލް ކުރުމާ ގުޅިގެންނެވެ.

މިއަދުގެ މެޗުން ކެލާ ނާޅި މޮޅުވުން އެ ޓީމް އޮތީ ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ތިން ޕޮއިންޓް ފައިދާ އެއް ގޯލާ އެކު އެވެ. ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮތް އީގަލްސް އަށް ވެސް ތިން ޕޮއިންޓު ލިބިފައިވީ ނަމަވެސް، އެ ޓީމަށް އެވަނަ ލިބެނީ ގްރޫޕްގެ ފުރަތަމަ މެޗުގައި 5-0 ލަނޑުން މަހިބަދޫ ބަލިކޮށް، ގޯލުގެ ތަފާތުން ކުރި ހޯދައިފައި ވާތީ އެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް އޭގެ މާޒިޔާ ސްޕޯޓްސް ކުލަބާއި ވީބީ ސްޕޯޓްސް ކުލަބެވެ. އެގޮތުން މާދަމާގެ މެޗަށް ނިކުނަ އިރު ވީބީ ވަނީ ގްރޫޕްގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި އޭދަފުށީއަތުން 1-0 ލަނޑުން މޮޅުވެފަ އެވެ. އެހެން ނަމަވެސް މާޒިޔާ ވަނީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި އޭވައިއެލްއާ ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރު ވެފަ އެވެ.

ޖުމުލަ 12 ޓީމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭ މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭ އިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިން ވަނަ އަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމްލަ އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.