ފެބްރުއަރީ 7، 2012 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެ އެވެ.
~
ކޯނީ ދިރާސާ ކުރާ މަޖިލީހުގެ ކޮމެޓީގައި މުސާ އަލީ ޖަލީލު އެހެން ވިދާޅުވެފައިވާ އޯޑިއޯއެއް މިހާރު ކުރިއަށްދާ އެމްޑީޕީގެ ޖަލްސާގައި ވަނީ އާންމުކޮށްފަ އެވެ. އެ ޖަލްސާގައި ވަނީ ކޯނީއަށް މައުލޫމާތު ދިން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މަޖިލީހުގެ ކޮމެޓީއަށް ދެއްވާފައިވާ އިންޓަވިއުތައް ވެސް އާންމުކޮށްފަ އެވެ.

ކޯނީއަށް މައުލޫމާތު ދެއްވި 13 ބޭފުޅަކު ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެމްޑީޕީގެ ޖަލްސާގައި އާންމު ކުރި އޯޑިއޯގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވަން މުޖުބޫރިވި ކަމަށް މޫސާ އަލީ ޖަލީލުގެ ވިދާޅުވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ. "ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާދެއްވި މަޖުބޫރީ ހާލަތުގައި ކަމަށް އަޅުގަނޑު ގަބޫލު ކުރަން،"

ވެރިކަން ބަދަލުވި ދުވަހު ބަނޑާރަ ކޮށި ތެރޭގައި ރައީސް ނަޝީދުގެ ޖާނާ މާލަށް ގެއްލުންވާވަރު ވެގެންދިޔަ ކަމަށް ގަބޫލު ކުރައްވަންތޯ ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ސުވާލު ދެންނެވުމުން މޫސާ އަލީ ޖަލީލު ވިދާޅުވީ "އޮއިވަރު ހުރި ގޮތުން، އެތެރެއިންނާއި ބޭރުން" އިތުރު ގޮތެއް ރައީސް ނަޝީދަކަށް އެދުވަހު ނެތް ކަމަށެވެ.

"އަޅުގަނޑަށް ދެންނެވޭނީ އެ ދުވަހުގެ އޮއިވަރު ހުރި ގޮތުން ބޭރުންނާއި އެތެރެއިން އިތުރު ގޮތެއް ނެތޭ ރައީސް ނަޝީދަކަށް. [އިސްތިއުފާ] ދިނުން ނޫން އިތުރު ގޮތެއް ނެތޭ،"