ޒަކާތު ފަންޑުގެ ދަށުން، ރާއްޖޭގައި ތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބިފައިވާ ކުދިންގެ ޓިއުޝަން ފީ ފިނޭންސް މިނިސްޓްރީން ހަމަޖައްސައި ދޭނެ ކަމުގެ ޔަގީން ކަން ފިނޭންސުން ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއު އެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ ޒަކާތު ފަންޑުގެ ދަށުން ރާއްޖޭގައި ކިޔަވާ ކުދިންގެ ޓިއުޝަން ފީގެ ކަންތައް ހަމަ ޖެއްސުމަށްޓަކައި ޓިއުޝަން ފީއަށް ވާ ފައިސާގެ އިންވޮއިސް އެ މިނިސްޓްރީ އަށް ފޮނުވައި ދިނުމަށް ކުދިންނަށާއި އެ ކުދިން ކިޔެވުމަށް ހަމަޖެހިފައިވާ ކޮލެޖް ނުވަތަ ޔުނިވާސިޓީގައި އެ މިނިސްޓްރީގެ ފަރާތުން އެދިފައި ވާނެ ކަމަށެވެ. އަދި އެ އިންވޮއިސް ލިބުމުން ޓިއުޝަން ފީގެ ކަންތައްތައް ހަމަޖެހިގެން ދާނެ ކަމަށް ވެސް އާމިނަތު އަލީ ވިދާޅުވި އެވެ.

" ޒަކާތު ފަންޑުގެ ދަށުން ރާއްޖޭގައި ކިޔަވާ ކުދިންނަށް އަޅުގަނޑުމެން ވާނީ ދަންނަވާފަ އެ ކުދިންގެ ޓިއުޝަން ފީއަށް ވާ އިންވޮއިސް އަޅުގަނޑުމެންނަށް ފޮނުވައި ދޭށޭ. އެ އިންވޮއިސް އަޅުގަނޑުމެންނަށް ލިބުމުން މި ހަދާ ގޮތަކީ ޕީވީ ތައްޔާރު ކުރުމަށް ފަހު އެ އިންވޮއިސް ތަކަށް ޕޭ ކުރަން މި ފޮނުވަނީ ފިނޭންސަށް. އަޅުގަނޑުމެންނާ ހިސާބަށް އައި ހުރިހައި އެއްޗެއް ވާނީ ފިނޭންސަށް ވައްދާފަ. ފިނޭންސުން ވަނީ އަޅުގަނޑުމެންނަށް ޔަގީކަން ދީފަ ލިބިފައި ހުރި ހުރިހައި އިންވޮއިސް ތަކަކަށް ޕޭ ކުރާނެ ކަމަށް." އައިންތު ވިދާޅުވި އެވެ.

އައިންތު ވިދާޅުވީ ރާއްޖޭގައި ޒަކާތު ފަންޑުގެ ދަށުން ކިޔެވުމަށް ވަރަށް ގިނަ އަދަދެއްގެ ކުދިންނަށް ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެކި ކުދިން ކިޔެވުމަށް ދަނީ ތަފާތު އެކި ކޮލެޖްތަކާއި ޔުނިވާސިޓީތަކަށް ކަމަށް ވުމުން ކޮންމެ ވެސް ވަރެއްގެ ދަތި ތަކެއް ފައިސާ ދެއްކުމުގައި ދިމާ ވެދާނެ ކަމަށެވެ. އެހެން ނަމަވެސް އިންވޮއިސް ފޮނުވާފައި ހުރި ހުރިހައި ކޮލެޖްތަކާއި ޔުނިވާސިޓީތަކަކަށް ފައިސާ ދެއްކުމުގެ މަސައްކަތް ފިނޭންސުން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަފާތު އެކި ފަންޑު ތަކުން ކޯހުގެ ފީ ދައްކާ ގޮތަށް ކިޔަވަމުންދާ ކުދިންނަށް ނުވަތަ ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކުދިން، ކޯހުގެ ފީ ނުދައްކާ ކަމަށް ބުނެ އެ ކުދިންނަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ތަފާތު އެކި ފަންޑު ތަކުގެ އެހީގައި ކިޔަވާ ކުދިންނަށް ނުވަތަ ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކުދިންނަށް އެ ކުދިންގެ ކޯހުގެ ފީ ނުދައްކާ އޮތުމަކީ އެ ކުދިންގެ މައްސަލައެއް ނޫން ކަމަށާއި ފަންޑުތަކުގެ އެހީގައި ކިޔަވާ ކުދިންގެ ފީ ނުދައްކާ ނަމަ އެ މައްސަލައެއް ހައްލު ކުރާނީ އެ ފަންޑަކާ ގުޅިގެން ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ތެރެއަށް އެ ކުދިން ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މީގެއިތުރުން އައިންތު ވިދާޅުވީ ތަފާތު އެކި ފަންޑުތަކުގެ ދަށުން ކިޔަވާ ކުދިން ނުވަތަ ކިޔެވުމުގެ ފުރުސަތު ލިބިފައިވާ ކުދިން ޓިއުޝަން ފީގެ ކަންތަކުގައި އެއްވެސް މައްސަލަ އެއް ދިމާ ވެއްޖެ ނަމަ އެ މައްސަލަ އެއް ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓރީ މެދުވެރިކޮށް މަސައްކަތް ކުރުމަށް ހުރިހައި ކުދިންނަށް ވެސް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެ މައްސަލަ އެއް ހައްލު ކޮށްދިނުމަށްޓަކައި އެ މިނިސްޓްރީއަށް ވެދެވެން އޮތް ހުރިހައި އެހީއެއް ވެދެއްވާނެ ކަމުގެ ޔަގީންކަން އައިންތު ދެއްވިއެވެ.

ޒަކާތުފަނޑުގެ ހިލޭ އެހީގެ ދަށުން މިދިޔަ އަހަރު ރާއްޖޭގައި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބިފައި ވަނީ 450 ދަރިވަރުންނަށެވެ.