ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗުކަމުން އަލީ ސުޒޭން އިސްތިއުފާ ދިނުމުން މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް އެކުލަބުން ބޭރުގެ ކޯޗަކު ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ވިކްޓަރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ބޭރުގެ ކޯޗަކާ މިހާރު ވެސް ކުލަބުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި މުޅިން އެކަން ފައިނަލް ވެފައި ނުވާކަމަށެވެ.

ވިކްޓަރީން މިއަހަރުގެ ސީޒަނަށް ކޯޗަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މިދިޔަ އަހަރު އެޓީމަށް ކުޅުނު 18 ކުޅުންތެރިއަކު ވަނީ ކުލަބް ދޫކޮށް، މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެހެން ކުލަބުތަކަށް ބަދަލުވެފައެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބޭ ގޮތުން، ވިކްޓަރީން މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ހޯދުމަށް މަސައްކަތް ކުރާ ކޯޗުންގެ ތެރޭގައި މީގެ ކުރިން ރާއްޖޭގެ ދެ ކުލަބަކަށް ކޯޗްކޮށްދިން ސްލޮވާކިޔާގެ ވަލްޑަމީރު ގޮފާ ހިމެނެއެވެ. ގޮފާ ވަނީ މީގެ ކުރިން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށާއި ހުއްރިއްޔާއަށް ކޯޗުކަން ކޮށްދީފައެވެ.

ވިކްޓަރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ޒަރިޔަންދު މީގެ ދުވަސްކޮޅެއް ކުރިން ސަން އޮންލައިނަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރަތް ޓީމުން ބިދޭސީ ކޯޗަކު ގެންނަން ބޭނުންވަނީ އެ ޓީމުގެ ކޯޗުކަމުގައި ފާއިތުވެދިޔަ ފަސް އަހަރު ހޭދަކުރި އަލީ ސުޒޭނަށް ވުރެ މޮޅު ދިވެހި އެހެން ކޯޗަކު ހޯދުމަކީ ދަތިކަމަކަށްވާތީ ކަމަށެވެ.

މިދިޔަ އަހަރު އެއްވެސް ކާމިޔާބެއް ނުލިބި ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ވިކްޓަރީގެ ކޯޗުކަމުން ސުޒޭން އިސްތިއުފާދިނީ ވިކްޓަރީގެ ހިންގާ ބޯޑާ، އަދި ހާއްސަކޮށް ކުރީގެ ޗެއާމަން އީވާ އަބުދުﷲއާ މައްސަލަޖެހިގެންނެވެ. އީވާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.