ނ. މިލަދޫ ކައުންސިލްގެ އެމްޑީޕީގެ މެންބަރަކަށް ޖެއްސުން ކުރުމުގެ ގޮތުން ހާޒިރީގައި ސޮއި ކުރުމުގެ ފުރުސަތު ނުދީ އަދި އޮފީހަށް ވަނުމަށް ހުރަސް އަޅަމުންދާ މައްސަލައެއްގައި، އެ ކައުންސިލާ ދޭތެރޭ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ފިޔަވަޅު އަޅާފައި ނުވާ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވުމުން، އެލްޖީއޭގެ މެންބަރުންގެ ބަހުގެ ހަމަލާތައް އެލްޖީއޭގެ ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އަމާޒު ކުރައްވައިފިއެވެ.
~
ނ. މިލަދޫ ކައުންސިލްގެ އެމްޑީޕީ މެންބަރު ނަސްރުﷲ މުހައްމަދު ކައުންސިލް އިދާރާއަށް ވަނުމަށް ޕީޕީއެމްގެ ކައުންސިލަރުން ހުރަސްއަޅާ ކަމަށްބުނެ، އެ މައްސަލަ އެލްޖީއޭއަށާއި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ރަށު ކައުންސިލް އިދާރާއަށް ނަސްރުﷲ ވަނުމަށް ހުރަސްއަޅަމުންދަނީ އޭނާއަކީ ޖެހިޖެހިގެން ކައުންސިލްގެ ހަތް ޖަލްސާއަށް ހާޒިރުވެފައިވެފައި ނުވާ މީހަކަށްވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާތީ އެވެ.

އެލްޖީއޭ އާއި އިލެކްޝަނުން އެ މައްސަލަ ބެލުމަށްފަހު އަންގާފައި ވަނީ ނަސްރުﷲ އަކީ މިލަދޫ ކައުންސިލްގެ މެންބަރެއް ކަމަށާއި އޭނާއަށް އެ އިދާރާގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލް އިދާރާއަށް ތަކުރާރުކޮށް ނަސޭހަތްތެރި ވުމުން ވެސް، އޭނާއަށް މަސައްކަތަށް ނުކުތުމަށް ހުރަސްއަޅަމުންދާ ކަމަށް އެލްޖީއޭއިން ބުންޏެވެ.

އެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީއަށް ހުށަހެޅުމުން މިއަދު ވަނީ އެލްޖީއޭގެ ނައިބު ރައީސް ޝުޖާއު ހުސައިން އާއި އެ އޮތޯރިޓީގެ މެންބަރު އަހުމަދު ފައިސަލާއި އެ އޮތޯރިޓީގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

މަޖިލީހުގެ ކޮމެޓީގެ މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ކައުންސިލަރު ނަސްރުﷲ އަށް ކައުންސިލް އިދާރާއަށް ވަނުމަށް ހުރަސްއަޅައި ހިންގަމުންދާ އަމަލާމެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެލްޖީއޭގެ ނައިބު ރައީސް ވިދާޅުވި އެ މައްސަލާގައި އިހްމާލު ވަނީ އެ އޮތޯރިޓީން ކަމަށާއި އެކަމުގައި ކުރަންޖެހޭ ބައިވަރު ކަންތައްތަކެއް އެ އޮތޯރިޓީން ނުކޮށްވާ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވާ ކަމަށް އެލްޖީއޭގެ ނައިބު ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާފައިވާ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެލްޖީއޭގެ މެންބަރު ފައިސަލް ވިދާޅުވީ އެލްޖީއޭގެ ތެރޭގައި ކުރަން ހުރި މައްސަލަތައް ހައްލު ކުރުމުގެ ޝައުގުވެރިކަމެއް އެލްޖީއޭގެ ރައީސް ފަރާތްޕުޅުން ނުފެންނަ ކަމަށެވެ. ނަމަވެސް އެލްޖީއޭއިން ނިންމާ ކޮންމެ ކަމެއްގެ "ކްރެޑިޓް" ނެންގެވުމުގެ ޝައުގުވެރިން ޑރ. ޖަމީލްގެ ކިބައިގައި ހުންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"މަސްތަކެއް ނުވަތަ އަހަރު ދުވަސްވަން ދެން އަޅުގަނޑު އެލްޖީއޭގައި ކުރާ މަސައްކަތައް ބަލާއިއިރު އަޅުގަނޑު ދަންނަވަން ބޭނުންވަނީ އެއްވެސް ރިޒަވޭޝަނެއް ނެތި އެލްޖީއޭގެ ރައީސްގެ ފަރާތްޕުޅުން ކުރަން ހުރި މަސައްކަތްތައް ކުރުމުގެ ޝައުގުވެރިކަމެއް ނުފެނެޔޭ. އެކަމަކު ކުރެވި ނިމޭ ކޮންމެ ކަމެއްގެ 'ކްރެޑިޓް' ނެންގެވުމުގެ ޝައުގުވެރިން އެބަ ފެނޭ،" ޑރ. ޖަމީލަށް ފާޑުވިދާޅުވެ ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ އަމާޒު ގެއްލި ކުރަމުންގެންދާ "ދޯހަޅި" ކަންތައްތައް ގޯހުން ގޯހަށް ދާކަން މީޑިއާގައި ހާމަވެގެންދާއިރު، އެއްވެސް ކަމެއް ކުރެއްވުމަށް އެލްޖީއޭގެ ރައީސް މަސައްކަތްޕުޅު ނުކުރައްވާ ކަމަށެވެ. އޭނާ މިސާލެއްގެ ގޮތުގައި ނެންގެވީ މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއަށް ހަވާލު ކުރި އުސްފަސްގަނޑުގެ މައްސަލައެވެ.

އޭނާ ވިދާޅުވީ މިލަދޫގެ ކައުންސިލަރަށް ހުރަސްއަޅާ މައްސަލައާއި އެހެން މައްސަލަތަކުގެ ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ އެލްޖީއޭގެ ރައީސް ކަމަށެވެ.