16 Jan 2013, 18:49
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ކޮންގްރެސްގައި ބައިވެރިވުމަށް އަތޮޅު ތަކުން 494 މަންދޫބުން މާލެ އަންނާނެ ކަމަށް ކޮންގްރެސްގެ ވޯކިން ގްރޫޕްގެ ވައިސް ޗެއާ މުހައްމަދު ހާނިމް ވިދާޅުވެއްޖެއެވެ.
މާދަމާއިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމްގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްއާ ބެހޭގޮތުން މީޑިއާއަށް މައުލުމާތު ދެއްވަމުން ހާނިމް ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުންގެ ތެރެއިން ގިނަ ބަޔަކު މިހާރު މާލެ އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅުތަކުން މާލެ އަންނަ މަންދޫބުންގެ ކެއުމާއި ނިދުމުގެ އިންތިޒާމު ވެސް ޕާޓީގެ ކައުންސިލުން ނިންމާފައިވާ އުސޫލުތަކުގެ މަތިން އެމީހުންނަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"މިހާރު މަދު ބަޔަކު ނޫނީ އެންމެން މާލެ އަތުވެއްޖެ. އެމީހުން މާލެ އައުމުން އަޅުގަނޑުމެން އެމީހުންގެ ޓްރާންސްޕޯޓު ޚަރަދާއި ޓިކެޓް އަދި ހުރުމާއި ކެއުމުގެ ޚަރަދު ވެސް، ކަނޑައަޅައިފައި އޮތް އުސޫލުގެ ދަށުން ދެމުން މި ގެންދަނީ،" ހާނިމް ވިދާޅުވިއެވެ.
ހާނިމް ވިދާޅުވީ މާދަމާ ބާއްވާ އެ ޕާޓީގެ ކޮންގްރެސްގައި ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނަށާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ދައުވަތު ދީފައިވާނެ ކަމަށާއި އޭގެ ތެރޭގައި މިނިވަން މުވައްސަސާތަކުގެ ބޭފުޅުންނާއި ބޭރުގެ ސަފީރުން ވެސް ހިމެނޭ ކަމަށެވެ.
ޕީޕީއެމްގެ ކޮންގްރެސް ވަނީ މީގެ ކުރިން ވެސް ދެފަހަރެއްގެ މަތިން ބާއްވަން އުޅެ އެކި ސަބަބުތަކާ ހުރެ ނުބޭއްވި ލަސްކޮށްފައެވެ. އެ ގޮތުން އެންމެ ފުރަތަމަ ކޮންގްރެސް ބާއްވަން އުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އެއިރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން ކޮންގްރެސް ވަނީ ވަކި ތާރީޚެއް ނެތި ލަސްކޮށްފައެވެ. ދެވަނަ ފަހަރަށް ކޮންގްރެސް ބާއްވަން ހަމަޖެއްސީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެފަހަރު ކޮންގްރެސް ބޭއްވޭގޮތް ނުވީ އެކަމަށް އެކަށީގެންވާ ތަނެއް ނުލިބިގެންނެވެ.