ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރުމަށް ބޭރުގެ ދެ މާހިރަކު ހޯދުމަށް މަޖިލީހުގެ އިދާރާއިން ކުރި އިއުލާންގެ މުއްދަތު އިތުރު ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.

ގާނޫނީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކޮށް، ގާނޫނު ހަދާ މަޖިލިސްތަކުގެ ތަޖުރިބާ ހުރި ދެ ލޯޔަރަކު ހޯދުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ލިޔަލަށެވެ. އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ވެސް އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށް ކޮމެޓީން ފާސްކުރި ނިންމުމުގައި ބުނަނީ އެގޮތަށް ކޮމެޓީން ނިންމީ މަޖިލީހުގެ ވެބްސައިޓުގައި ޝާއިއު ކުރަންޖެހޭ ގޮތާ ހިލާފަށް، މަޖިލީހުގެ އިދާރާއިން އެ އިއުލާންކޮށްފައިވާތީ ކަމަށެވެ.

ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އިނގިރޭސި ބަހުން ލިޔެފައިވާ އިއުލާން ޝާއިއުކޮށްފައި ވަނީ މަޖިލީހުގެ ވެބްސައިޓުގެ ދިވެހި ސެކްޝަންގައި ކަމަށެވެ، ނަމަވެސް އިނގިރޭސިބަހުން ލިޔާ އިއުލާނެއް ޝާއިއު ކުރަންޖެހޭނީ މަޖިލީހުގެ ވެބްސައިޓުގެ އިނގިރޭސި ސެކްޝަނުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ އިދާރާގެ މުވައްޒަފުން އެ ކުރެއްވި ކަމަކާ ގުޅިގެން އަޅުގަނޑު ވަރަށް ކަންބޮޑުވެއްޖެ. ވެބްސައިޓުގެ އިނގިރޭސި ސެކްޝަންގައި އިންނަންޖެހޭ އިއުލާން މި އިންނަނީ ދިވެހި ސެކްޝަންގައި އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ޖެހޭނެ މިކަންކަމަށް ސަމާލުވާން،" އަލީ ވަހީދު ވިދާޅުވި އެވެ.

ކޮމެޓީގެ މެންބަރުން ވިދާޅުވީ ކޯނީގެ ރިޕޯޓުގެ ދިރާސާއަށް ބޭރުގެ މާހިރުން ހޯދުމަށް ކުރި އިއުލާން ވެބްސައިޓުގައި ޝާއިއު ކުރެވުނު ގޮތާ ގުޅިގެން، އެކަމުގައި ޝައުގުވެރިން ފާޅުކުރައްވާ ބޭފުޅުންނަށް އެކަމަށް ކުރިމަތިލެވޭނެ ގޮތެއް ނޭނގި ތިއްބެވި ކަމަށެވެ. ނަމަވެސް މިހާރު މުއްދަތު އިތުރު ކުރެވިގެން ދިއުމުން ބޭރުގެ ފަރާތްތަކަށް އެކަމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ކޮމެޓީން ބުނެގެން މަޖިލީހުން ނެރެފައިވާ އިއުލާންގައި ބުނަނީ ދެ ހަފްތާގެ މުއްދަތަށް ކޮމެޓީގެ މެންބަރުންނާއެކު މަސައްކަތް ކުރެއްވުމަށް ގާނޫނީ ދާއިރާއިން ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތަކުގައި މަސައްކަތް ކުރައްވާފައިވާ ދެ ބޭފުޅަކު ކޮމެޓީއަށް ބޭނުންވާ ކަމަށެވެ.

ކޯނީގެ ރިޕޯޓް ދިރާސާ ކުރުމަށްޓަކައި ރާއްޖެއިން ބޭރުން ހޯއްދަވާ މާހިރުންނަށް ކޮމެޓީގައި ކޮށްފައިވާ މަސައްކަތް ބެއްލެވޭނެ ގޮތަށް ކޮމެޓީގެ ޔައުމިއްޔާތައް އިނގިރޭސި ބަހަށް ބަދަލު ކުރުމުގެ މަސައްކަތް ކޮމެޓީން ކުރިއަށް އެބަ ގެންދެ އެވެ. އެގޮތުން 345 ސަފްހާގެ ޑޮކިއުމަންޓް އިނގިރޭސި ބަހަށް ބަދަލު ކުރުމުގެ މަސައްކަތް ކޮމެޓީން ވަނީ ފަށާފަ އެވެ.