ވިހާފައި އެއްލާލާފައި އޮއްވައި މާފަންނު ގެއެއްގެ ދޮރުމަތިން ފެނުނު ކަމަށް ބުނެ ފުލުހުންނާ ހަވާލުކުރި ތުއްތު ކުއްޖާ ބެލެހެއްޓުމަށް އެ ކުއްޖާގެ ބޮޑުދައިތައާ ޖެންޑާ މިނިސްޓްރީ އިން ހަވާލުކޮށްފި އެވެ.

ވިހޭ ގޮތަށް ފޫޅުދަނޑިއާ އެކު އެއްލާލާފައި އޮއްވައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ފެނުނު ތުއްތު ކުއްޖާ ބެލެހެއްޓުން ވަގުތީ ގޮތުން ހަވާލުކުރި އެ ކުއްޖާގެ މަންމަގެ އަންހެން ކޮއްކޮ ބުނީ ޖެންޑާ އިން ތުއްތު ކުއްޖާ އޭނާއާ ހަވާލުކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ.

ތުއްތު ކުއްޖާގެ މަންމައާ އެކު ދިރިއުޅެމުން އަންނަ، ތުއްތު ކުއްޖާގެ ބޮޑުދައިތަ ބުނީ ކުއްޖާ ވަގުތީ ގޮތުން ބަލަހައްޓަމުން ދިޔަ ނަމަވެސް ކުއްޖާ އަށް ގާތުންދީ ހަދަނީ އެ ކުއްޖާގެ މަންމަ ކަމަށެވެ.

"ބޭބީ އަށް ފީޑްކޮށްދީ ހަދަނީ ދައްތަ. ބޭބީއާ ވަގުތީ ގޮތުން [އަހަރެން] ހަވާލުވިޔަސް ދައްތަ ބޭބީ ބަލަހައްޓަނީ،" އޭނާ ބުންޏެވެ.

ރަށުގައި ދިރިއުޅެމުން އަންނަ އަންހެން މީހާ ބުނީ އޭނާ މާލެ އައީ ޗުއްޓީ އަށް ރަށަށް ގޮސްތިބި އޭނާގެ ދައްތަގެ ކުދިން ގޮވައިގެން ކަމަށެވެ.

ތުއްތު ކުއްޖާ ބެލުން ވަގުތީ ގޮތުން އާއިލާއާ ހަވާލުކުރި އިރު، އެ ކުއްޖާ ބޭނުންވެގެން ބައެއް ފަރާތްތަކުން ވަނީ ޖެންޑާގައި އެދިފަ އެވެ.

ތުއްތު ކުއްޖާ އެއްލާލާފައި އޮއްވައި ކުއްޖާ ފެނުނު ކަމަށް ބުނާ އަންހެން މީހާއަކީ އެ ކުއްޖާގެ މަންމަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުންވަނީ އަންހެންމީހާ ގޭބަންދުކޮށްފަ އެވެ.