ތިމާވެއްޓާ ބެހޭ މައި ޖަމިއްޔާ ގްލޯބަލް އެންވަޔަރަމެންޓަލް ފެސިލިޓީ (ޖެފް)ގެ ފުރަތަމަ ނޭޝަނަލް ޑައިލޮގް، މިއަދު ބަނޑޮސް އައިލެންޑް ރިޒޯޓުގައި ފައްޓައިފި އެވެ.

ޖެފްގެ ފުރަތަމަ ނޭޝަނަލް ޑައިލޮގް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ ރާއްޖެ އިން ޖެފްގެ މެންބަރެއްގެ ގޮތުގައި 1994 ވަނަ އަހަރުން ފެށިގެން މަސަކަތް ކުރަން ފެށި ފަހުން މިހާތަނަށް އެ އެޖެންސީ އިން 11 ވަރަކަށް މަޝްރޫއު އަށް އެހީތެރިވެދީފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ޖުމުލަ އަގު ގާތްގަނޑަލަށް 15 މިލިޔަން ޑޮލަރު (231.3 މިލިޔަން ރުފިޔާ) އަށް އަރާ ކަމަށެވެ.

އޭނާ ވިދާޅުވީ "ޖެފް އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަ ހުރެވެނީ ދުނިޔޭގައި ތިމާށިގެ ކަންކަމަށް އެންމެ ބޮޑަށް އެހީވެދޭ އެއް އެޖެންސީގެ ގޮތުގައި،" ކަމަށެވެ.

"ރާއްޖޭގައި ތިމާވެއްޓާ ގުޅޭ އެކިއެކި ކަންކަމުގައި ވަރަށް ބޮޑަށް ފަންޑު އެބަ ބޭނުންވޭ. އެގޮތުން ކުނި ނައްތާލުމާއި ރަށްގިރުމާއި ސާފު ބޯފެން ފޯރުކޮށްދިނުމާއި ސިއްހީ މައްސަލަތަކާއި އަދި ނަރުދަމާ ފޯރުކޮށް ދިނުން ފަދަ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އެބަ ދޭ،" މަތީނު ވިދާޅުވި އެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ އެފަދަ ހުރިހާ ހިދުމަތްތަކެއް ވެސް މިހާތަނަށް ފޯރުކޮށްދެމުން ގެންގޮސްފައި ވަނީ ޖެފް ފަދަ ތިމާވެށީގެ ކަންތައްތަކުގައި އެހީވެދޭ ދުނިޔޭގެ ބޮޑެތި އޭޖެންސީތައް މެދުވެރިކޮށް ކަމަށެވެ.

ޖެފްގެ ސެކްރެޓޭރިއަޓް މިންނާ ކަނޯނެން ވިދާޅުވީ މިއަދު ފެށުނު ޑައިލޮގްގެ ސަބަބުން ރާއްޖެ އަށް ތިމާވެށިގެ ގޮތުންނާއި އެފަދަ އެހެނިހެން ކަންކަމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި މިންވަރު ޖެފްއަށް ދެނެގަންނަން ފަސޭހަ ވާނެ ކަމަށާއި އަދި މި ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ގިނަގުނަ މައުލޫމާތުތަކެއް ދެ ފަރާތަށް ވެސް ލިބޭނޭ ކަމަށް އުއްމީދު ކުރަށްވާ ކަމަށެވެ.

"މި ޑަޔަލޮގްގެ މަގުސަދުތަކަކީ ތިޔަ ބޭފުޅުންގެ ގައުމުގެ މަސްލަހަތާ ގުޅުން ހުރި އަދި އިސްކަންދޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވި އެކަންތައްތައް ދެނެގަތުން. ޖެފްގެ ފަރާތުން އައިސް މިތިބީ ތިމާވެއްޓާ ގުޅޭ އެކިއެކި މައްސަލަތުކުގެ މައުލޫމާތުތައް ދީ އަދި ދެނެގަތުން. މިކަމުގައި މިބައްދަލުވުމުގެ ބައިވެރިންގެ ވަރަށްބޮޑު އެއްބާރުލުމެއް ބޭނުންވާނެ،" ޖެފްގެ ސެކްރެޓޭރިއަޓް ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން އިންތިޒާމް ކޮށްގެން ބާއްވާ މިބައްދަލުވުމުގައި ޖެފްގެ ފަރާތުން އެހީތެރިކަމަށް އެދޭނެ ގޮތާއި އެތަނުން ލިބެން ހުރި ފުރުސަތުތަކާއި އަދި އެތަނުން އެހީތެރިކަން ފޯރުކޮށްދޭ އެކިއެކި ދާއިރާތަކާއި ބޭހޭ ގޮތުން މަޝްވާރާކުރެވި މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

ޖެފްގެ ފުރަތަމަ ނޭޝަނަލް ޑައިލޮގްގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ސަރުކާރުގެ އޮފީސްތަކާއި ކައުންސިލްތަކުގެ ބައެއް މެންބަރުންނާއި އަމިއްލަ ޖަމިއްޔާ ޖާމާއަތްތަކާއި އަދި ތިމާވެއްޓާގުޅުން ހުރި އެކިއެކި ހަރަކާތްތައް ރާއްޖޭގައި ހިންގާ ފަރާތްތަކެވެ.