ހެރެތެރެ ހިންގި ތައިލެންޑް ކުންފުންޏަށް އެޑްވާންސްކޮށް ދެއްކި 6.5 މިލިއަން (100.23 މިލިއަން ރުފިޔާ)ގެ ބަދަލެއްގެ ގޮތުގައި ރިސޯޓް ހަދާނެ ރަށެއް ރާއްޖެ އިން ދިނުމަށް ނިންމައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ އެ ކުންފުންޏާ ދެމެދު އުފެދުނު ދެބަސް ވުމަށް ނިމުން ގެނެސްފި އެވެ.

އެމްޓީޑީސީ އިން އިއްޔެގެ ތާރީހުގައި މިއަދު އާންމު ކުރި ބަޔާނެއްފައި ބުނެފައި ވަނީ ހެރެތެރެ ހިންގުމަށް ހަވާލު ކުރި ތައިލޭންޑްގެ އަމާރީ ހޮޓެލްސް އެންޑް ރިސޯޓްސް އާއި އެމްޓީޑީސީއާ ދެމެދު އުދެނު ދެބަސްވުން ނިމުކަށް ގެނެވިފައިވާ ކަމަށާއި އެ ކުންފުނިން ފީގެ ގޮތުގައި ހެރެތެރެ އަށް ދީފައިވާ 6.5 މިލިއަން ޑޮލަރުގެ މައްސަލަ ވެސް ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އެ 6.5 މިލިއަން ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް އެމްޓީޑީސީން ވަނީ އެ ކުންފުންޏަށް ގދ. ތިނަދޫ ކައިރީގައި އޮންނަ ހަވޮއްޑާ ދީފަ އެވެ.

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އެ ގޮތަށް އެ އެއްބަސްވީ، އެންމެ މަސްލަހަތު ހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށާއި އެމްޓީޑީސީ އަށް އެ 100.23 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ދަތިތަކެއް ހުރުމުން ކަމަށެވެ. އަދި އެ މީހުންނަށް ރާއްޖޭގައި ރިސޯޓް ހަދާނެ ރަށެއް ދިނުމުން ރާއްޖޭގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ޓޫރިސްޓުން ގެނައުމަށް އައު ދޮރެއް ހުޅިވިގެންދާނެތީ ކަމަށެވެ.

އެމްޓީޑީސިގެ ހެރެތެރެ ހިންގުމަށް އަމަރީއާ އެކު މެނޭޖްމަންޓް ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތައް ދެއްކުމަށް ފަހު އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ އެއްބަސްވުން އުވާލައިފަ އެވެ.