ކޯނީގެ ދިރާސާގެ ސިއްރު ޔައުމިއްޔާތައް އާންމު ކުރުމަށް ކޮމެޓީން ފާސްކޮށްފި
ކޮމިޝަން އޮފް ނެޝެނަލް އިންކްއަރީ (ކޯނީ)ގެ ދިރާސާ އަށް ކޮމެޓީ އަށް ހާޒިރުކުރި 13 ބޭފުޅުން ދެއްވާފައިވާ މައުލޫމާތަކާއި އެ ބޭފުޅުން ހާޒިރުކުރި ސިއްރު ބައްދަލުވުންތަކުގެ ޔައުމިއްޔާ އާންމު ކުރުމަށް ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމެޓީ އަށް ހާޒިރުކުރި ސަލާމަތީ ބާރުތަކުގެ ވެރިންނާއި ސަރުކާރުގެ ބައެއް އިސް ވެރިން ހާޒިރު ކުރި ބައްދަލުވުންތަކުގެ މައުލޫމާތާ އެކު ހިމެނޭ 345 ސަފުހާގެ ޔައުމިއްޔަށް އެއްވެސް އުނިއިތުރު ކުރުމެއް ނެތި އާންމު ކުރުމަށް ފާސްކުރީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ސިފާޒު ތާއިދު ކުރެއްވުމުންނެވެ. އެ ހުށަހެޅުން ފާސްވީ މިއަދު ކޮމެޓީ އަށް ހާޒިރުވި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ ކޮމެޓީގެ ޔައުމިއްޔާތަކާއި އޯޑިއޯ ރިކޯޑިން އާންމު ކުރާނީ މަޖިލީހުގެ ވެބްސައިޓުގައި ކަމަށެވެ. އަދި އެ މައުލޫމާތުތައް ކޮމެޓީގެ މެންބަރުންނަށް ފޮނުވާނެ ކަމަށާއި އާންމު ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މިކޮމެޓީގެ ބަޔާންތައް ދަނީ ނިމެމުންދަނީ. އެހެންވީމަ މިއަދުގެ ބައްދަލުވުމާއި ރޭގެ ބައްދަލުވުންތަކުގެ ބަޔާންތައް މިއަދުގެ ވަގުތެއްގައި ނިމޭނެ. އެތަކެތި ތަންފީޒުވެގެންދޭތޯ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ބަލަމުންދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުގައި ވެސް ސިއްރު ޔައުމިއްޔާތައް އާންމު ކުރުމަށް ހުށަހެޅި އެވެ. ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް އެހުން ފަސް ކުރީ ކޮމެޓީގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ހުރިހާ މެންބަރުން މިއަދުގެ ބައްދަލުވުމަށް ހާޒިރުވާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. ނަމަވެސް ކޮމެޓީގައި ހިމެނޭ 11 މެންބަރުންގެ ތެރެއިން މިއަދުގެ ބައްދަލުވުމަށް ހާޒިރުވީ އެމްޑީޕީގެ ހަ މެންބަރުންނެވެ. އަދި އެ ބޭފުޅުންގެ އިއްތިފާހުން ފާސްކޮށްފައި ވަނީ ސިއްރު ޔައުމިއްޔާތައް އާންމު ކުރުމަށެވެ.

ސަރުކާރު މައްސޫލިއްޔަތު ކޮމެޓީ އަށް ހާޒިރު ކުރި 13 ބޭފުޅުންނަކީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު އާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް މުހައްމަދު ޒިޔާދުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފެވެ.