ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔަ ނަމަވެސް މުޅި ސިޔާސީ ހަޔާތް ނިންމަވާލައްވާނީ މައުމޫނަށާއި އެމަނިކުފާނުގެ އާއިލާއަށް ފާޑު ނުކިޔާ މީހެއްގެ ގޮތުގައި ހުރެ ކަމަށް ޕީޕީއެމްގެ ނާއިބް ލީޑަރު ކަމަށް ވާދަކުރައްވާ އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

"ޓީމް އުމަރު"ގެ ކެމްޕެއިން ލޯންޗް ކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެށުނީވެސް ރައީސް މައުމޫންގެ ޒައާމަތުގައި ކަމަށާއި އަދި ސިޔާސީ ހަޔާތް ނިންމާލައްވާނީ ވެސް އެމަނިކުފާނުގެ ޒައާމަތުން ކަމަށެވެ.

"އަޅުގަނޑުގެ ސިޔާސީ ހަޔާތް ނިންމާލާނީ ކޮމާކޯޅި ފެށުން. ރައީސް މައުމޫނާއި ރައީސް މައުމޫނުގެ އާއިލާއަށް ދުވަހަކުވެސް ފާޑު ނުކިޔާ. ކޮމާކޯޅި ބަންދު،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ދުވަހަކުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބައިއަތު ނުހިފާނެ ކަމަށާއި އަދި ނަޝީދު އުޅުއްވާ ސިޔާސީ ޕާޓީއަކާ ދުވަހަކުވެސް ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.

ޕީޕީއެމުން ވަކިވެވަޑައިގެން އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި އިލްހާމް ވިދާޅުވީ ގާސިމް އިބްރާހިމަކީ އޭނާގެ ދުވަސްވީ ރަހުމަތްތެރިއެއް ކަމަށެވެ. އަދި ގާސިމަކީ ވަރަށް ލޯބިވާ ބޭފުޅެއްކަމަށާއި ނަމަވެސް އޭގެ މާނައަކީ ޕީޕީއެމް ދޫކޮށް ޖުމްހޫރީ ޕާޓީއާ ގުޅޭވާހަކަ ނޫން ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

"ގާސިމް އިބްރާހިމް އަކީ އަޅުގަނޑު ވަރަށް ލޯބިވާ ބޭފުޅެއް. ބަލަ މީހަކުދެކެ ލޯބިވުމަކީ ކޮންމެހެން ޕާޓީ ދޫކުރުމެއް ނޫނެ. އަޅުގަނޑު ގާސިމް ވިދާޅުވާ ގޮތަކަށް ވޯޓެއް ނުލަން. ގާސިމްގެ ދިފާއުގައި މަޖިލީހުގައި ވާހަކައެއް ނުދައްކަން. ދެން ކީކޭ މި ކިޔަނީ. ބަލަ ތިޔަ ވިދާޅުވާ ބާރިޔާ އާ މާރިޔާ އާ ވެސް އަޅުގަނޑު ރައްޓެއްސޭ. އެވާހަކައެއް ބަޔަކު ނުދައްކަ. ވަޓް އިޒް ދިސް،" އިލްހާމް ވިދާޅުވި އެވެ.