16 Jan 2013, 14:35
ކޭބަލްޓީވީގެ ހިދުމަތް ދޭ މީޑިއާނެޓުން ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދާ ހިލާފަށް މީޑިއާ ނެޓުގެ ލޯގޯ އާއި އެހެނިހެން ވިޔަފާރި ނަންތައް އަރުވަމުންދާތީ އެކަން ވަގުތުން ހުއްޓާލުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށް އަންގައިފިއެވެ.
ބުރޯޑްކާސްޓިން ކޮމިޝަނުން ބުނީ މީޑިއާ ނެޓުން ރީބްރޯޑްކާސްޓްކުރާއިރު އެފަރާތުގެ ލޯގޯއާއި ވިޔަފާރި އިޝްތިހާރުތައް އަރުވަނީ ރީބުރޮޑްކާސްޓުކުރުމުގެ ގަވައިދާ ހިލާފަށް ކަމަށާއި އެކަންތައްތައް ވަގުތުން ހުއްޓާލުމަށް މީޑިއާނެޓަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
ބުރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓަށްއިއްޔެ ފޮނުވާފައިވާ ސިޓީއާ ހަވާލާދީ ބުރޯޑްކާސްޓިން ކޮމިޝަނުން އިތުރަށް ބުނީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 27 ވަނަ މާއްދާގެ (ށ) ގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނަލް ފޮނުވަން ވާނީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ މިންގަނޑަށް ފެއްތުމަށްޓަކައި އުނިކުރެވޭ އުނިކުރުން ފިޔަވައި އިތުރު އެއްވެސް ބަދަލެއް ނުގެނެސް އެ ކޮންޓެންޓްގެ ފީޑް ލިބެމުންދާ ގޮތަށް ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް މީޑިއާ ނެޓުގެ ރީބްރޯޑްކާސްޓް ފީޑުގައި އެ ފަރާތުގެ ލޯގޯ އާއި އެހެނިހެން ވިޔަފާރި ނަންތައް އަރުވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައި ވާތީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 28 އަދި 37 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކޮންޓެންޓް ފިޔަވައި އިތުރު ކޮންޓެންޓް ފޮނުވުން ވަގުތުން ހުއްޓާލުމަށް މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް އަންގާ ކަމަށެވެ.
އެމައްސަލައާ ގުޅޭގޮތުން މީޑިއާނެޓްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
މީޑިއާނެޓުން ގަވައިދާ ހިލާފަށް ރީބުރޮޑްކާސްޓް ކުރާކަމަށް ބުނެ އެކަން ހުއްޓުވުމަށް އަންގާފައިވާއިރު 2011 ވަނަ އަހަރު ވެސް މީޑިއާނެޓްގެ ފަރާތުން ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ނެތި އަމިއްލަ ކޮންޓެންޓާއި އިޝްތިހާރު ގާނޫނާއި ގަވާއިދާއި ހިލާފަށް ބުރޯޑްކާސްޓްކުރަމުން ގެންދިޔަކަމަށާއި އެކަން ހުއްޓާލުމަށް އެތައް ފަހަރެއްގެ މަތިން އެންގި ނަމަވެސް އެކަމަށް މީޑިއާނެޓުން އިޖާބަ ދީފައިނުވާކަމަށް ބުރޮޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.