ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމާއި ޕޮލިސް ކޮމިޝަނަރު އަބުދުﷲ ރިޔާޒު ގާނޫނުއަސާސީއާ ޚިލާފުވެފައިވާ ކަމަށް ކަމަށް ކަނޑައަޅައި، އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހެޅުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ. އެ ގޮތަށް ފާސްވީ ކޮމެޓީއަށް ހާޒިރުވި އެމްޑީޕީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

ނާޒިމާއި ރިޔާޒްގެ މައްޗަށް ދައުވާ ކުރުމަށް ހުށަހެޅުމަށް ފާސްވީ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން ކޮމެޓީއަށް މައުލޫމާތު ދެއްވުމަށް ނާޒިމާއި ރިޔާޒު ދެކޮޅުހެއްދެވުމުންނެވެ. އެ ދެ ބޭފުޅުން ގާނޫނުއަސާސީގެ 99 ވަނަ މާއްދާއާ ޚިލާފުވެފައިވާ ކަމަށް ކަނޑައެޅުމަށް ކޮމެޓީއަށް ހުށާހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޖާބިރެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒެވެ.

އެ ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ޖާބިރާއި ޝިފާޒުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަބޯ) ވޯޓް ދެއްވީ އެ ހުށަހެޅުއްވުން ފާސްކުރުމަށެވެ. ވޯޓަށް އެހިއިރު ކޮމެޓީގައި ތިއްބެވީ ހަމައެކަނި އެ ފަސް ބޭފުޅުން އެކަންޏެވެ.

ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ނާޒިމާއި ރިޔާޒް ދެކޮޅު ހެއްދެވިއިރު، ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ވެސް ކޮމެޓީއަށް މައުލޫމާތު ދެއްވުމަށް ދެކޮޅު ހައްދަވާފައިވެ އެވެ. ނަމަވެސް އެބޭފުޅާ ގާނޫނު އަސާސީހާ ހިލާފުވި ކަމަށް ކަނޑައެޅުމަށް ކޮމެޓީއަކުން ފާހެއް ނުކުރެ އެވެ.

ޖާބިރު ވިދާޅުވީ ގާނޫނު އަސާސީން 99 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ ކޮމެޓިއަށް ހާޒިރުވެ، ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެ ބޭފުޅުން މިހާރު އެތިއްބެވީ ގާނޫނީ އިމުން ބޭރުވެފައި ކަމަށެވެ.

ގާނޫނު އަސާސީގެ 99 ވަނަ މާއްދާގައި ބުނަނީ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން އަންގައިފިނަމަ ކޮންމެ މީހަކު ވެސް އެ ކޮމެޓީއަކަށް ހާޒިރުވެ ކޮމެޓީން އަންގާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމެޓީއަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް ނާޒިމާއި ރިޔާޒްގެ ގާނޫނީ ވަކީލު ވިދާޅުވީ ކޯނީގެ ރިޕޯޓް ކޮމެޓީން ދިރާސާ ކުރަމުންދަނީ ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި ކޮމެޓީގެ މެންޑޭޓުން ބޭރުން ކުރަމުންދާ ކަމަކަށް އެބޭފުޅުން ޖަވާބުދާރީވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ކޯނީއަށް ދީފައިވާ ބަޔާންތައް ރައީސް އޮފީހުން މަޖިލީހަށް ނުފޮނުވުމުން، 13 ބޭފުޅަކު ކޮމެޓީއަށް ހާޒިރުކޮށް، ވެރިކަން ބަދަލުވި ގޮތާ ގުޅިގެން މައުލޫމާތު ހޯދާފައިވެ އެވެ.