16 Jan 2013, 14:21
ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާތީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީސް ކެންސަލް ކޮށްފައި ވަނީ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ.
އިއްޔެ ބާއްވަން ޝެޑިއުލް ކުރި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުގެ ގޮނޑީގެ ސައްޚަކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލައާއި ހޯމަ ދުވަހު ޝެޑިއުލް ކުރި ސިވިލްސާވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރި މައްސަލައިގެ ޝަރީއަތް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
އެ ހުރިހާ މައްސަލަތައް ވެސް ކެންސަލް ކޮށްފައި ވަނީ ފަނޑިޔާރަކު އާލާސްކަންފުޅާ އުޅުއްވާތީ އެވެ. އެ މައްސަލަތައް ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުން ފާސްކުރުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް އިސްކޮށް ހުންނަވައިގެން ނެެވެ.
އޭނާ ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަކުން ދަރަންޏެއް ސާބިތުވެފައިވާ އިރު ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާކަން ސިވިލް ކޯޓުން މި އަހަރު ކޮށްފައިވާ ހުކުމަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާތީ އެ ދެ ބޭފުޅުން ވޯޓުދެއްވައިގެން ވޯޓުތައް ސިއްރުކުރަން ފާސްކުރި އިސްލާހަކީ ގާނޫނާ އެއްގޮތް ވޯޓެއް ކަމަށް ނުބެލެވޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ.