ތޫނު ހަތިޔާރާއެކު ގަލޮޅުގައި ހުންނަ ގެއަކަށް ރޭ ދަންވަރު ވައްކަން ކުރަން ވަތް ބަޔަކު، ފުލުހުން ހައްޔަރުކޮށްފި ކަމަށް ސަންއެފްއެމަށް ކަށަވަރުވެއްޖެ އެވެ.


މި ހާދިސާއާ ގުޅޭ ގޮތުން ސަންއެފްއެމަށް މައުލޫމާތު ދެމުން މަންޒަރު ދުށް މީހަކު ބުނީ، ރޭ ދަންވަރު 3:30 ހާއިރު، މާސްކު އަޅައިގެން ތިބި ބޮޑު ގްރޫޕަކުން ވައްކަން ކުރަން މަސައްކަތްކުރީ ބަނަފްސާމަގުގައި ފަސް ބުރިއަށް ހަދާފައި ހުންނަ ގަލޮޅު ވަރަ ޕެލަސް އިން ކަމަށެވެ. ނަމަވެސް، އެމީހުން ވަތްތާ މާ ގިނަ އިރުތަކެއް ނުވަނީސް ފުލުހުންގެ ޚާއްސަ ޓީމެއް އެ ސަރަހައްދަށް ގޮސް، ވައްކަން ކުރަން އުޅުނު މީހުންގެ ޕްލޭން "ފްލޮޕް" ކޮށްލީ ކަމަށް ވެސް އޭނާ ނަން ހާމަނުކުރުމަށް ޝަރުތުކޮށް ކިޔައިދިނެވެ.


މި މައްސަލާގައި ފުލުހުން ތިން މީހަކު ހައްޔަރުކުރި ކަމަށާއި އަދި އެމީހުންގެ އަތުން ކަޓަރާއި، ޓޭޕާއި އަންގި ފަދަ ވައްކަން ކުރަން ބޭނުންކުރާ އެއްޗެހިތަކެއް ފެނިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ. އޭނާ އިތުރަށް ބުނީ، ތުހުމަތުކުރެވޭ މީހުންގެ ސައިކަލުތަކެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު އޭނާ ދުށް ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ދަންވަރު ގެއަކުން ވައްކަން ކުރަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން ގެއެއް ކަމާއި އަދި ހައްޔަރުކުރީ ކިތައް މީހުން ކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.