16 Jan 2013, 14:13
ރައީސް ނަޝީދުގެ ސަރުކާރުގައި އުފައްދަވަން އުޅުނު ޖުޑީޝަލް ރިފޯމް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރާއި ހައިކޯޓުގެ ފަނޑިޔާރު މަޖިލީހަށް ހާޒިރުވާނެ ކަމަށް އަންގާފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަލާ ކޮމެޓީގެ މުގައްރިރު ރިޔާޒު ރަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާން ކޮމެޓީ އަށް ހާޒިރުވާނެ ކަމަށް ފޯނުން ގުޅުއްވައި ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަރީފު ވެސް ކޮމެޓީއަށް ހާޒިރު ވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެ ދެ ބޭފުޅުން ވެސް ކޮމެޓީ އަށް ހާޒިރުވަނީ ފަނޑިޔާރުންގެ ހައިސިއްޔަތުން ނޫން ކަމަށާއި އަމިއްލަ ހައިސިއްޔަތުން ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
ރޭގައި ބޭއްވި ކޮމެޓީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާނަށް ހާޒިރުވެވެން ނެތް ވާހަކަ ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ. ރިޔާޒު ވިދާޅުވީ އެގޮތަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ ގާނޫނު އަސާސީގެ މާއްދާއަކާ ހަވާލާދެއްވާފައި ކަމަށެވެ. އެ މާއްދާގައި ބުނަނީ ފަނޑިޔާރުގެ މަސައްކަތާ ބެހޭ ކަމަކަށް ނުފޫޒު ނުފޯރުވެވޭނެ ކަމަށެވެ.
ރޭގައި ބޭއްވި ކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފު ވަޑައިގެންފަ އެވެ.