ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ސާފް އެންޓަޓެއިންމެންޓް (އެމްއެސްއީ) ގުޅިގެން "ބޮއްފަތި ރާޅު ޓްރެއިނިން"ގެ ނަމުގައި ކުޑަކުދިންނަށް ރާޅާއަޅަން ދަސްކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސީގަލް ކެފޭގައި ރޭ އޮތް ހާއްސަ ހަފްލާއެއްގައި އެ އެއްބަސްވުމުގައި ސީގަލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މާކެޓިން މެނޭޖަރު އައިމިނަތު ސޮލާހު އެވެ. އަދި މޯލްޑިވްސް ސާފް އެންޓަޓެއިންމެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑާ އަހްމަދު އަޒްނީލް އެވެ.

ސީގަލް ގްރޫޕްގެ ސީސްޕޯޓްސް އާއި އެމްއެސްއީ އިން ކުރިޔަށްގެންދާ އެ ޕްރޮގްރާމް ސްޕޮންސާ ކޮށްފައި ވަނީ ސީސްޕޯޓްސް އިން ރާއްޖޭގައި ވިއްކާ ދުނިޔޭގެ މަޝްހޫރު ސާފިން ބްރޭންޑެއް ކަމަށްވާ "ވޮލްކޮމް" އެވެ.

ފެބްރުއަރީ 13ގައި ޏ. އަތޮޅު ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ ބޮއްފަތި ރާޅު ޓްރެއިނިން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ ފުވައްމުލަކުން ފެށިގެން މާލެ އަތޮޅާ ހަމައަށް އެ ދޭތެރޭގައި ހިމެނޭ ހުރިހައި އަތޮޅެއް ހިމެނޭ ގޮތަށެވެ. އެ ޓްރެއިނިން ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އުމުރުން އަށް އަހަރާއި ފަނަރަ އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ރާޅާއެޅުމަށް ޝައުގުވެރިވާ ކުދިންނަށެވެ.

ސަން އޮންލައިނާ ވާހަދަ ދައްކަވަމުން އެމްއެސްއީގެ ފައުންޑާ އަހްމަދު އަޒްނީލް ވިދާޅުވީ، އެމްއެސްއީ އިން އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކޮންމެ އަތޮޅެއްގައި ދެ ދުވަސް ނުވަތަ ތިން ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެބޭފުޅުން އަތޮޅުތަކަށް ޒިޔާރަތް ކުރުމުގެ ކުރިން ކަމާ ބެހޭ މައުލޫމާތު އެ އަތޮޅުތަކާ ހިއްސާ ކުރަށްވަމުން ގެންދަވާނެ ކަމަށެވެ.

އަޒްނީލް ވިދާޅުވި ގޮތުގައި ރާޅާއެޅުމަކީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ކުޅިވަރަކަށް ވެފައި ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދެއް އޮންނަ އަދި ރާޅާ އަޅަން ކަމުދާ އަދި މަޝްހޫރު ސާފިން ފޮއިންޓުތައް ހުރި ގައުމަކަށް ވުމުން ރާއްޖޭގައި މިކަން ކުރިއަށް ގެންދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އަދި އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރަނގަޅު ގޮތުގައި ބޭނުން ކުރެވި، އަދި ދުނިޔޭގެ ފެންވަރުގެ ސާފިން އިވެންޓުތަކުގައި ރާއްޖެ އަށް މިހާރަށް ވުރެ ބޮޑަށް ބައިވެރި ވެވި އަދި ކާމިޔާބުތައް ހޯދުމަށްވެސް މަގުފަހި ވެގެން ދާނެ އެވެ.

ބޮއްފަތި ރާޅު ޓްރެއިނިން ޕްރޮގްރާމްގައި ކުދިންނަށް ބޮޑަށް ދަސްކޮށްދޭނީ މޫދުގައި އުޅޭއިރު އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތަކާއި، އަދި އެކަމުގައި އުޅޭއިރު ދިމާވެދާނެ ސިއްހީ މައްސަލަތަކާއި އެކަމުގެ ހައްލާއި، ރަނގަޅު ކާނާ ބޭނުން ކުރުމާއި އަދި ރާޅާ އެޅުމުގެ ބޭސިކް ސްކިލްސް ތަކެވެ.