ދަރިވަރަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރި ރ. ވާދޫ ސްކޫލްގެ ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.

ވާދޫ ސްކޫލްގެ ސެކަންޑްރީ ކުދިންނަށް ކިޔަވައިދެމުން އަންނަ ޓީޗަރު މިއަދު ސަސްޕެންޑްކުރި އިރު، އޭނާ ކިޔަވައިދިނުމަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ނުކުންނަން ފެށުމުން ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ނޯދަން އެޑިއުކޭޝަން ޔުނިޓްގެ ސުޕްރިންޓެންޑެންޓް ފަތުހުﷲ މުހައްމަދު މިއަދު ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެއީ ވަޒީފާއާ ގުޅޭ މައްސަލައަކަށް ވާތީ ފުލުހުންގެ ފަރާތުން އެ މައްސަލައާ ގުޅޭ ހުރިހާ ޑޮކިއުމަންޓްތަކެއް ލިބުމުން ޓީޗަރު ސަސްޕެންޑްކުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސެކަންޑްރީ ގްރޭޑްގެ ކުދިންނަށް ކިޔަވައިދެމުން އަންނަ އެ ޓީޗަރު މިދިޔަ އަހަރު ފަޅުގެއެއްގެ ތެރޭގައި ދަރިވަރަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމުން ސްކޫލަށް ނުކުންނަ މައްސަލަ ބައެއް ބެލެނިވެރިން ފެންމަތި ކުރުމުން އެކަމާ ގުޅިގެން ވާދޫ ސްކޫލުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ.

ފުލުހުން ބުނީ ބަދުއަޚްލާގީ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ވާދުން ހައްޔަރުކުރި ޓީޗަރު ދޫކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.

އަދި އޭނާ ދޫކޮށްލާފައި ވަނީ މުއްދަތު ޖަހަން އެ އަތޮޅު ދުވާފަރު ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ބުނެ ކަމަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ޕީޖީ އަށް ފޮނުވާނެ ކަމަށެވެ.