16 Jan 2013, 11:56
ޕާކިސްތާނުން އިންޑިޔާއަށް އަންނަން ބޭނުންވާ ޕާކިސްތާނުގެ އުމުރުން 65 އަހަރުން މަތީގެ ރައްޔިތުންނަށް އިންޑިޔާއަށް ދަތުރު ކުރަން ހޯދަންޖެހޭ ވިސާ ފަސޭހަކަމާއެކު ލިބޭގޮތަށް އިންޑިޔާ ސަރުކާރުން ހަމަޖައްސައިފި އެވެ.
އެހެން ނަމަވެސް އިންޑިޔާގެ ހަބަރުފަތުރާ ވަސީކަތްތަކުން އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުގައި ވިސާގެ ކަންތައް މިވަގުތަށް ވަނީ މަޑުޖައްސާލާފަ އެވެ. އެކަމަކު އެވާހަކަތައް ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެއެވެ.
އިންޑިޔާ ސަރުކާރުގެ އެ ނިންމުމަކީ 2008 ވަނަ އަހަރު މުމްބާއީއަށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިސްލާމް އާބާދާއި ދިއްލީގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން ފިލުވާލައި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެ އެވެ.
ޕާކިސްތާނުން އިންޑިޔާއަށް އެތެރެ ވުމަށް ބޭނުންވާ އޮން އެރައިވަލް ވިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޕާކިސްތާނުގެ ލާހޫރު ކައިރީގައި އޮންނަ ވާގާ ލޭންޑް ބޯޑާ ކްރޮސިންގް އިންނެވެ. އަދި ވިސާ ދޫކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
ވާގާބޯޑަރު ކްރޮސިން އަކީ ޕާކިސްތާނުން އިންޑިޔާއަށް އެތެރެ ވެވެން އޮންނަ ހަމައެކަނި މަގެވެ.
އަވަށްޓެރި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމުގެ ގޮތުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު ވެވުނު އެއްބަސްވުމެއްގެ ދަށުން އިންޑިޔާއިން ވަނީ އަންގާރަ ދުވަހުން ފެށިގެން އެގައުމަށް އެތެރެވާ ޕާކިސްތާނުގެ އިސް ރައްޔިތުންނަށް އެބައި މީހުންގެ އާއިލާއާއި ރައްޓެހިންނަށް ޒިޔާރާތް ކުރުމަށް 45 ފަސްދުވަހުގެ ސިންގަލް އެންޓްރީ އޮން އެރައިވަލް ވިސާ ދޫކުރަން ފަށާފަ އެވެ.
ވާގާ ލޭންޑް ބޯޑަރު ހުރަސްކޮށް ހަމަ އެކަނި ފައިމަގުގައި އެތެރެވެވޭ ގޮތަށް ދޫކުރާ އެ ވިސާ ލިބޭނީ ކޮންމެ މީހަކަށްވެސް އަހަރަކު ގިނަވެގެން ދެފަހަރު އެވެ. އަދި އެގޮތަށް އިންޑިޔާއަށް އެތެރެވާ މީހުންނަށް މީގެކުރިން ޕާކިސްތާނުން އިންޑިޔާއަށް އެތެރެވާ ފަރާތްތަކުން އިންޑިޔާގެ ފުލުހުންނަށް ރިޕޯޓު ކުރަން އޮންނަ ގޮތަށް ރިޕޯޓު ކުރާކަށް ނުޖެހޭނެ އެވެ.
ވާގާބޯޑަރު ހުރަސްކޮށް އިންޑިޔާއަށް އެތެރެވާ ޕާކިސްތާނުގެ ރައްޔިތުންނަށް "ކަޝްމީރުގެ އިންޑިޔާއިން ބަލަހައްޓާ ސަރަހައްދާއި ޕަންޖާބު އަދި ކެރެލާ އާއި އަދިވެސް މަނާކުރެވިފައިވާ ބައެއް ސަރަހައްދުތައް ފިޔަވައި ގިނަވެގެން ފަސް ތަނަކަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދެވޭނެ" އިންޑިޔާއިން ނެރުނު ސްޓޭޓްމަންޓެއްގައި ވެއެވެ.
މުމްބާއީއަށް ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާއިންވަނީ އެ ދެގައުމުގެ ދެމެދުގައި ދެކެވެމުންއައި ސުލްހައިގެ ވާހަކަތައް ހުއްޓާލާފަ އެވެ. އަދި މިހާރުވެސް ކަޝްމީރުގެ މައްސަލައިގައި ދެގައުމުން ކަޝްމީރު ކޮންޓްރޯލް ކުރާ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ދަނީ ބަދަލު ކުރެވެމުން ނެވެ.