ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑް ހޯދުމާ ބެހޭ ގޮތުން ހިންގުމަށް ނިންމާފައިވާ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ސީއެމްޑީއޭ އިން މިއަދު ހުޅުވާލައިފި އެވެ.

ސީއެމްޑީއޭގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ދައުލަތުގެ ރެގިއުލޭޓަރީ އެޖެންސީތަކަށާއި ލިސްޓަޑް ކުންފުނިތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކަށާއި ޕަރައިވެޓް ސެކްޓާ ކުންފުނިތަކުގެ ފައިނޭންސް ދާއިރާގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ބާއްވާ އެ ޓުރެއިނިން ކުރިއަށްގެންދިއުމަށް ނިންމާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުން 30ގެ ނިޔަލަށް ކަމަށެވެ. އަދި އެ ޓުރެނިންގަިއ ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓުރީކުރުމަށް އީމެއިލް ކުރާނީ mail@cmda,gov.mv އަށް ކަމަށެވެ.

އަދި ވިދާޅުވީ އެއޮތޯރިޓީ އިން އާންމުކޮށްފައިވާ "ލީގަލް އެންޑް ރެގިއުލޭޓަރީ އެސެސްމަންޓް ރިޕޯޓް އޮފް މޯލްޑިވްސް ކެޕިޓަލް މާކެޓް" އިން ކެޕިޓަލް މާކެޓްއަށް އައު ޕްރޮޑަކްޓްތައް ތައާރަފުކުރުމަށްޓަކައި މައިގަނޑު ފަސް ވައްތަރެއްގެ ޕްރޮޑަކްޓްތަކަށް ސަމާލުކަންދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކްލެސިކް އަދި ކަސްޓަމް ޕްރިފަރޑް ޝެއަސް އާއި ރުފިޔާ އަދި ޑޮލަރުން ޑިނޯމިނޭޓްކުރެވޭ ކޯޕަރޭޓް ބޮންޑްސްގެ އިތުރުން ސެކިއުރަޓައިޒްކުރުމާއި އިންވެސްޓްމަންޓް ފަންޑް އަދި ރިއަލް އެސްޓޭޓް ފަންޑު އުފައްދާ ހިންގުން ކަމަށެވެ.

ސީއެމްޑީއޭ އިން ބުނީ އަލަށް ތަޢާރަފުކުރެވޭ ކޮންސެޕްޓްތަކާއެކު ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑު ހޯދަން ބޭނުންވާ ކުންފުނިތަކަށް މިހާރަށްވުރެ ފަސޭހަ، ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށެވެ.