އެމްޓީސީސީން ދޭ ފެރީ ޚިދުމަތުން ޖީއެސްޓީ ނަގަން ފެށިތާ 48 ގަޑިއިރު ވެސް ނުވަނީސް ވަކިލާރި ހުސްވެގެން ހުޅުމާލެ އަށް ދަތުރުކުރާ ފެރީތަކުން ޖީއެސްޓީ ނެގުން މެދުކަނޑާލައިފި އެވެ.

ފެރީގެ ޚިދުމަތުންނާއި ބަހުގެ ހިދުމަތުން އިއްޔެ އިން ފެށިގެން ޖީއެސްޓީ ނަގަންފެށި އިރު، ވަކި ލާރި ހުސްވެގެން މިއަދު ހެނދުނު 10 އަކުން ފެށިގެން ހުޅުމާލެ ފެރީތަކުން ވަނީ ޖީއެސްޓީ ނެގުން ހުއްޓާލާފައި ކަމަށް އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަކި ލާރި މައްސަލަ ދިމާވެގެން ޖީއެސްޓީ ނެގުން މިވަގުތަށް މެދު ކަނޑާލި ނަމަވެސް ވަކި ލާރި ލިބުނުހާ އަވަހަށް ޖީއެސްޓީ ނަގަން ފަށާނެ ކަމަށެވެ.

"ހުޅުމާލޭ ކޮޅުގައި ވަކިލާރީގެ ޝޯޓޭޖެއް އުޅޭތީ ޖީއެސްޓީ ނެގުން މެދުކަނޑާލާފައި ވަނީ. ދިހައެއް ޖެހިއިރުން ފެށިގެން ހުއްޓާލާފައި ވަނީ،" އެމްޓީސީސީގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ދަތުރުފަތުރުގެ ޚިދުމަތުން ޖީއެސްޓީ ނަގަން ފެށިއިރު އުއްމީދު ކުރިވަރާ ގާތަށް ވެސް ވަކިލާރި ލިބެމުންނުދާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރި ވަރާގާތަށް ވެސް ރިޓާންނާދޭ. ހަމަ ގާތްގަނޑަކަށް ދިހަ ޕަސެންޓް ވެސް އެނބުރިނާދޭ،" އެމްޓީސީސީގެ އޮފިޝަލު ވިދާޅުވި އެވެ.

އެ ކުންފުނިންދޭ ހިދުމަތްތަކުގެ ތެރެއިން އިއްޔެއިން ފެށިގެން ޖީއެސްޓީ ނަގަން ފެށި އިރު، ވިލިމާލެ ފެރީގެ ހިދުމަތަށް ޖީއެސްޓީއާ އެކު ނަގަނީ 3.18ރ. އެވެ. އަދި ހުޅުމާލޭ ފެރީގެ ހިދުމަތުން 5.30ރ. ނަގާ އިރު ޕްރޮވިންސް ފެރީތަކުގެ ތެރެއިން އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށްދާ ފެރީތަކުން ނަގަނީ 21.2ރ. އެވެ. އަދި އެ ފެރީތަކުން މާލެ އަށް އަންނަ ނަމަ ނަގަނީ 53ރ. އެވެ. އަދި ހުޅުމާލޭ ބަހުން ނަގަނީ 2.12ރ. އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަން ފެށީ 2011 ވަނަ އަހަރު އެވެ. ޖީއެސްޓީ ރޭޓް ހަ ޕަސެންޓަށް ބޮޑުކުރީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. އަދި މިހާރު ވަނީ ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ ނަގާ ވަރު އަށް ޕަސެންޓަށް ބޮޑުކޮށްފަ އެވެ.