ވަޅިން ހަމަލާދީ ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން (އައްޔުބޭ) މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އަނބުރާ ގެންގޮސްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދ. ކުޑަހުވަދޫ ފަނަސް ފައުޒާން މުހައްމަދާއި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދުގެ މައްޗަށް ދައުވާ އުފުލިފައި އޮތް ނަމަވެސް އެ މައްސަލައިގެ ތަހުގީގު ދިޔައީ ކުރެވެމުން ކަމަށެވެ. އަދި ތައިލޭންޑަށް ފޮނުވައިގެން އެ މައްސަލައާ ގުޅޭ ޑީއެންއޭ ތަހުލީލުތައް ހަދާފައިވާ ކަމަށާއި އަލުން މުރާޖާ ކުރުމަށް ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންފުޅުވާކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

"ފައުޒާން މުހައްމަދާއި އިބްރާހިމް މާޖިދުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ. އެ ދައުވާ އަލުން މުރާޖާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ބޭނުންފުޅުވޭ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ދައުލަތުން އެގޮތަށް އެދިވަޑައިގަތުމުން ގާޒީ ވަނީ އެ ފުރުސަތު ދައުލަތަށް ދެއްވައިފަ އެވެ. އަދި ދައުވާ އަލުން މުރާޖާ ކުރުމަށް ފަހު ވީހާ ވެސް އަވަހަކަށް ކޯޓަށް ހުށަހެޅުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.

އައްޔުބޭ މަރުވެފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުގެ ރޭ 7:00 އެހާކަންހާ އިރު ކުޑަހުވަދޫ މިސްކިތްމަގުން އޭނާ ހިނގާފައި ދަނިކޮށް ގުރޫޕަކުން އެތަނަށް ގޮސް އޭގެ ތެރެއިން އެކަކު އޭނާ އަށް ވަޅިން ހަމަލާދިނުމަށް ފަހު، އެ މަގުގައި ހުންނަ ހުދުއަލި ކިޔާ ފަޅުގޯއްޗަކަށް ވައްދައި ތިން މީހަކު ވެގެން އައްޔުބޭގެ ގައިގެ އެކިތަންތަނަށް ވަޅިން ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކުރުމުންނެވެ.

ފައުޒާނާއި މާޖިދުގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދިޔަ ނަމަވެސް އައްޔުބެ އަށް ދޮންކާފަ ކިޔާ ކުޑަހުވަދޫ މާވެލި އިބްރާހިމް ވަސީމްގެ މައްޗަށް ކުރި، ގަސްތުގައި މީހަކު މަރާލުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައެއް ނުވެ އެވެ. އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ދައުވާ އަށް އިއުތިރާފުވެފަ އެވެ.

އައްޔުބޭ މަރާލުމުގައި ބައިވެރިވުމުގެ ކުށުން ދެ ކުއްޖަކު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާގެ ވާރިސުންގެ ތެރެއިން 10 އަހަރުގެ ކުއްޖާ ބާލިޣުވެ ތަސަރަފް ފުދި އަމިއްލަ ފަރުދީ ހައްގާ މެދު ގޮތެއް ކަނޑައަޅެންދެން އެ ދެ ކުދިން ޖަލުގައި ބޭތިއްބުމަށް މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ވަޅިން ހަމަލާދީ އައްޔުބޭ މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކުރި ކުއްޖާގެ މައްޗަށް ހެކި ލިބިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.