16 Jan 2013, 10:17
ސްޕެނިސް ކަޕްގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ވެލެންސިޔާ އަތުން 2-0 ލަނޑުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް މެޗުގެ 37 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އެވެ.
ދެ ޓީމަށް ވެސް ގޯލްޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު އެއް ލަނޑުގެ ލީޑަކާއެކު ކުރީގައި އޮތީ ރެއާލެވެ. އެހެންނަމަވެސް ރެއާލްގެ ލީޑް ފުޅައިވެގެން ދިޔައީ މެޗުގެ 73 ވަނަ މިނެޓުގައި ވެލެންސިއާގެ މެކްސިކޯ މިޑްފީލްޑަރު ހޯސޭ ގުއާޑާޑޯ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.
ރޭގެ މެޗުން ރެއާލް މޮޅުވި ކަމައެކު، ލީގުގައި އެޓީމް އަދި ވެސް އޮތީ 37 ޕޮއިންޓާއެކު ތިން ވަނަ މަގާމްގަ އެވެ. ލީގުގެ އެއްވަނަ މަގާމްގައި 55 ޕޮއިންޓާއެކު ބާސެލޯނާ އޮތް އިރު، ދެ ވަނަ މަގާމް ގައި އޮތީ 44 ޕޮއިންޓާ އެކު އޮތް އެތްލެޓިކޯ މެޑްރިޑެވެ.
ކުއާޓާފައިނަލުގެ ދެ ވަނަ ލެގުގައި ރެއާލް ދެން ވެލެންސިޔާއާ ދެކޮޅަށް ނިކުންނާނީ މިމަހުގެ 23 ވަނަ ދުވަހުގެ ރެއެވެ. އެ މެޗް ކުޅޭނީ ވެލެންސިޔާގެ ދަނޑުގައެވެ.
ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ ކުޅޭނީ ލީގުގެ އެއް ވަނަ މަގާމްގައި އޮތް ބާސާ އާއި ފަސް ވަނަ މަގާމްގައި 31 ޕޮއިންޓާއެކު އޮތް މަލާގާ އެވެ. މިމެޗް ކުޅޭނީ ރާއްޖެ ގަޑިން މިރޭ 1:30 ގައި ބާސާގެ އަމިއްލަ ދަނޑުގަ އެވެ.