01 Oct 2010, 15:04
ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ މައްސަލައާއި ޝަރުއީ ކޯޓުތަކުގެ ބިލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު ހެނދުނު 9:00 ގައި ފަށާއިރު، ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، ޝަރުއީ ކޯޓުތަކުގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކާއި އެ ބިލު މަޖިލީހުން ފާސްކުރުން ހިމެނެ އެވެ. އަދި އެޗްއާރުސީއެމްގެ ރައީސާއި ނާއިބު ރައީސް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ނަންތައް ދިރާސާ ކުރެއްވި ހަތް މެމްބަރުންގެ ވަގުތީ ރިޕޯޓް ހިމެނެ އެވެ.
ޝަރުއީ ކޯޓުތަކުގެ ބިލާއި އަދި ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ މައްސަލަ ނުނިންމައި، މަޖިލީހުގެ މިދިޔަ ދައުރު ނިންމާލުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްއާރުސީއެމްގެ ރައީސަކަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި އައިޝަތު އަޒްރާ، އަދި ނައިބު ރައީސަކަށް އައްޔަން ކުރެއްވުމަށްޓަކައި ފޮނުއްވާފައި ވަނީ ޖީހާން މަހުމޫދު ނަމެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މަގާމުތަކުގެ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމެޓީން މުރާޖައާކޮށް އެކުލަވާލާފައިވާ ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުން ވެސް ހިމެނެ އެވެ.
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ބިލާއި، ދޫންޏާއި ޖަނަވާރު ރާއްޖެއަށް އެތެރެކުރުމުގެ ބިލާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ވެސް މި ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެޖެންޑާ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، މާލިއްޔަތު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުހީ މަޖިލީހަށް އިއްވުމާއި، ސިވިލް ސާވިސް ގާނޫނަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުހީ މަޖިލީހަށް އިއްވުން ހިމެނެ އެވެ.