ނިއުދިއްލީ (ޖަނަވަރީ 16): ކަޝްމީރުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި އިންޑިޔާ ސިފައިންނާ ދެކޮޅަށް ޕާކިސްތާނުން ދާދިފަހުން ލާއިންސާނީ ޢަމަލުތަކެއް ހިންގި ކަމަށް ވިދާޅުވެ މިކަމާ ގުޅިގެން ދެ ގައުމުގެ ގުޅުންތައް ކުރިން އޮތް ޙާލަތުގައި މިހާރު އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވިދާޅުވެއްޖެ އެވެ.

ސިންގް ވިދާޅުވީ ދާދިފަހުން ކަޝްމީރުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ޕާކިސްތާނުން ޙަމަލާދީ އިންޑިޔާ ސިފައިންގެ ދެ މީހަކު މަރާލުމަށް ފަހު އޭގެ ތެރެއިން އެކެއްގެ ބޯ ބުރިކޮށްލާފައިވާ ކަމަށާއި މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމުގަ އެވެ. ޕާކިސްތާނުން ވަނީ އިންޑިޔާ ސިފައިންގެ މަރުވެފައިވާ މީހެއްގެ ބޯ ބުރިކޮށްލާފައިވާ ކަމަށް ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އަނެއްކޮޅުން ޕާކިސްތާނުން ވަނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގައި އިންޑިޔާ ސިފައިން ދިން ޙަމަލާތަކެއްގައި އެ ގައުމުގެ ސިފައިންގެ ތިން މީހަކު މަރުވިކަމަށް ހާމަކޮށް އިންޑިޔާ އިން މިޙަމަލާތައް ދިނީ އެއްވެސް ސަބަބެއް އޮވެގެންނޫން ކަމަށް ބުނެ އިންޑިޔާ އަށް ރަސްމީކޮށް އިޙްތިޖާޖްކޮށްފަ އެވެ.

އިންޑިޔާގެ ބޮޑުވަޒީރު ޕާކިސްތާނާ ދެކޮޅަށް މިބަޔާންދެއްވީ ޕާކިސްތާނާދެކޮޅަށް ބަދަލުހިފުމަށް އިންޑިޔާގެ ޢަސްކަރީ އަދި ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަމުންގެންދާ ދުވަސްވަރެއްގަ އެވެ. އިންޑިޔާގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ބިކްރަމް ސިންގް ވަނީ އިންޑިޔާ ސިފައިންނާ ދެކޮޅަށް މިދިޔަ ހަފްތާގައި ޕާކިސްތާނުން ދިން ޙަމަލާއަކީ ދުރާލާ ރާވައިގެން ދިން ޙަމަލާއެއް ކަމަށް ތުހުމަތުކުރައްވައި މިކަމުގެ ބަދަލު ހިފުމުގެ ޙައްގު އިންޑިޔާ އަށް އޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ކަޝްމީރަކީ އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައިވާ އެންމެ ޒާމާންވީ މައްސަލައެވެ. މި މައްސަލަ އަށް 60 އަހަރު ވެފައިވާ އިރު އިންޑިޔާ ގެންދަނީ ކަޝްމީރުގެ މައްސަލަ ޙައްލުކުރުމަށް ގޮވާލާ އދ.ގެ ގަރާރުތައް ތަންފީޒު ކުރުމަށް ދެކޮޅު ހަދަމުންނެވެ. ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ސަރަޙައްދުގައި ދާދިފަހުން ދެގައުމުގެ ސިފައިން ބަދަލުކުރި ޙަމަލާތަކަކީ 2008ގެ މުންބާއި ޙަމަލާތަކާ ގުޅިގެން ގޯސްވެގެން ދިޔަގުޅުންތައް އަލުން ރަނގަނޅު ވެފައިވަނިކޮށް ދެގައުމުގެ މެދުގައި ޖެހުނު އެންމެ ބޮޑު މައްސަލަ އެވެ. މިމައްސަލާގައި ދެގައުމުގެ ޢަސްކަރީ މަސްއޫލުވެރިން މިހަފްތާގައި ވަނީ ކަޝްމީރުގެ ސަރަޙައްދެއްގައި ބައްދަލުކުރައްވައި މިފަދަ ޙަމަލާތައް ތަކުރާރުނުވާނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާކޮށްފަ އެވެ. (ބީ.ބީ.ސީ)