16 Jan 2013, 09:44
ޗައިނާގެ ކުރިއަރަމުންދާ ފަޒާގެ ޓެކްނޮލޮޖީގެ ސަބަބުން އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތައް ބުނެފި އެވެ.
އެ ފަރާތްތަކާ ޙަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ފަޒާގައި ބުރުޖަހަމުންދާ އެމެރިކާގެ މަތީފެންވަރުގެ ޓެކްނޮލޮޖީގެ ޙައްސާސީ ސެޓަލައިޓްތައް ވައްޓާލުމުގެ ޤާބިލްކަން ޗައިނާގެ ކިބާގައި މިހާރު ހުރިކަމަށް ބެލެވޭތީ ޗައިނާ ބޭނުންވާއިރަކު އެމެރިކާގެ "ލޯކަނުކޮށްލެވިދާނެ ކަމަށް" އެމެރިކާއަށް ގަބޫލުކުރެވޭ ކަމުގަ އެވެ. އެމެރިކާގެ ރަސްމީ ފަރާތްތައް ބުނާ ގޮތުން ޗައިނާ އިން ފަޒާގެ ޓެކްނޮލޮޖީ ތަރައްޤީ ކޮށްފައިވާ މިންވަރާއި ފަޒާގައި ޗައިނާގެ ރޭވުންތައްތަކާއި ހަރަކާތްތައް ހުރި ގޮތުގެ ދިރާސާއެއް އެމެރިކާގެ ޖާސޫސީ އިދާރާ އިން ދާދިފަހުން ވަނީ ކޮށްފަ އެވެ.
މިދިރާސާ އިން ހާމަވާ ގޮތުގައި ޗައިނާ ވަނީ ފަޒާގެ ޓެކްނޮލޮޖީގައި ވަރަށް ބޮޑަށް ކުރިއަރާފަ އެވެ. އެހެންކަމުން އޯބިޓްގެ އެންމެ މަތީ ފަށަލަތަކުގައި ބުރުޖަހާ ސެޓަލައިޓްތައް ރޮކެޓާއި އެ ނޫން ވަސީލަތްތައް ބޭނުންކޮށް ވައްޓާލުމަކީ ޗައިނާ އަށް ކުރެވިދާނެ ކަމެއް ކަމަށް މިދިރާސާކުރި ތަޖްރިބާކާރުން ލަފާކޮށްފައިވެ އެވެ. ފާއިތުވި އަހަރުތަކުގައި ޗައިނާއިން ވަނީ ސެޓަލައިޓްތައް ވައްޓާލުމުގެ އެތައް ތަޖްރިބާތަކެއް ކޮށްފަ އެވެ. މިތަޖްރިބާތަކުގައި ޗައިނާ ވައްޓާލާފައި ވަނީ ޑަމީ ސެޓަލައިޓްތަކާއި ދުވަސްހަމަވެފައިވާ ސެޓަލައިޓްތަކެވެ.
ދެހާސް ހަތް ވަނަ އަހަރުގެ ޖަނަވަރީ މަހު ބިމުން ރޮކެޓެއް ފޮނުވައިގެން ވަރަށް މަތީ އޯބިޓެއްގައިވާ ސެޓަލައިޓެއް ޗައިނާގެ ސައެންސްވެރިން ގޮއްވާލުމުން އެމެރިކާއަށް ވަނީ ސިހުމާއި ކުއްލި ހައިރާންކަން ލިބިފަ އެވެ. އެމެރިކާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ފަޒާގައިވާ ސެޓަލައިޓްތައް ވައްޓާލުމުގެ ތަޖްރިބާތައް ޗައިނާއިން ކުރުމުގެ މައިގަނޑު ބޭނުމަކީ ޗައިނާގެ ޢަސްކަރީ ހާޑްވެއާ ޒަމާނީ ކުރުމަށް މަގުފަހިކުރުމެވެ. މިގޮތުން ރާޑަރަށް ނާރާ ޢަސްކަރީ ބޯޓުތަކެއް ވައްޓާލުމަށް ދާދިފަހުން ޗައިނާ އިން ފަޒާގައި ދެ ތަޖްރިބާއެއް ކޮށްފައިވާ ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިން ހާމަކުރައްވާފައިވެ އެވެ.
އެމެރިކާ ބުނާ ގޮތުން އިލެކްޓްރޯނިކް ހަނގުރާމައިގާ ބޭނުންކުރުމަށާއި އެހެންގައުމުތަކުގެ ކޮންޕިއުޓާ ނެޓްވާކްތަކުގެ ބާރުކަނޑުވާލުމަށް ޚާއްސަކޮށްގެން ޗައިނާ ގެންދަނީ ޢަސްކަރީ އެތަށް ސެޓަލައިޓެއް ތައްޔާރުކޮށް ފަޒާއަށް ފޮނުވަމުންނެވެ. މިކަމަށް ޚާއްސަކޮށްގެން ޗައިނާއިން މިހާރު ފަޒާއަށް ފޮނުވާފައި ކުދި ސެޓަލައިޓްތަކުގެ ޢަދަދު އެމެރިކާ އިން ފަޒާއަށް ފޮނުވާފައިވާ މިބާވަތުގެ ސެޓަލައިޓް ތަކަށްވުރެ އިތުރުވެފައިވުމީ އެމެރިކާ ކަންބޮޑުވާކަމެއް ކަމަށް ވެސް އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ ރޮއިޓާސް ބުނެ އެވެ. (ރޮއިޓާސް)