ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްކޮށްހުންނައިވައިގެން 2005 ވަނަ އަހަރު އުފައްދާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) އިން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ސިޔާސީ ހަޔާތް ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ނިންމި ނިންމުކަށެވެ. އޭރު "ޑީއާރްޕީއަކީ މައުމޫން" ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވަނިކޮށް އެ މަނިކުފާނު ސިޔާސީ ހަޔާތުން ދުރަށް ޖެހުމާ އެކު ޑީއާރްޕީގެ ލީޑަރުގެ މަގާމް ލިބިގެންދިޔައީ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި ތަސްމީން އަލީއަށެވެ.

ތަސްމީން އަލީ އާއި އޭރުގެ އިދިކޮޅު ބޮޑު ޕާޓީ ޑީއާރްޕީގެ ލީޑަރުކަން ހަވާލުކުރުމާ އެކު މައުމޫންގެ އާއިލީ ނުފޫޒް ބޮޑުވާނެ ކަމަށް ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރި އެވެ. މާގިނަ ދުވަސްތަކެއް ނުވެ ފެނިގެންދިޔައީ އަދި ހަމައެއާ އެކު އެ ޕާޓީގެ ލީޑަރު ތަސްމީން އަލީގެ ނިންމުންތަކަށް ފާޑުކިޔައި ސިޔާސީ ބޮޑެތި ހަލަބޮލި ކަމަކަށް ފަހު ޑީއާރްޕީ ބައިބައިވެގެންދިޔަ ތަނެވެ. ދެން އަނެއްކާ ވެސް ފެނުނީ ރައީސް މައުމޫން އަނބުރާ ސިޔާސީ މައިދާނަށް ނުކުންނެވި މަންޒަރެވެ. އެމަނިކުފާން ސިޔާސީ މައިދާނަށް ނުކުމެ ޑީއާރްޕީގައި އުފެދިފައިވާ ހަމަނުޖެހުންތަކާ އެކު އެމަނިކުފާނު ހިޔާލުކުރެއްވީ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ސިޔާސީ ފަރާތްތައް ގޮވައިގެން އާ ސިޔާސީ ޕާޓީ، ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެއްދުމަށެވެ.

މައުމޫންނަށާއި މައުމޫންއަށް ތާއީދު ކުރައްވާ ފަރާތްތަކާ އެކު މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ސިޔާސީ ޕާޓީ ޕީޕީއެމް އުފެދިފައި ވަނީ 2011 ވަނަ އަހަރު ނިމުމަކަށް އައިސްފައިވަނިކޮށެވެ. ޕީޕީއެމް އުފެދި މިހާތަނަށް އެ ޕާޓީ އިންތިގާލީ މަރުހަލާއެއްގައި އޮތް އިރު އެ ޕާޓީ އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ޕާޓީގެ ކޮންގުރެންސް ބޭއްވުމަށެވެ. ޕާޓީގެ ރައީސް ކަމަކީ މައުމޫންގެ މިލްކެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރާއިރު ސިޔާސީ ވާދަވެރިކަމާ އެކު ފޯރީގައި މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ކޮންގުރެސްގައި ވާދަކުރައްވާ ފަރާތްތަކުން އެއިންތިހާބަށް ކެމްޕެއިން ކުރަމުންދާ އިރު މިހާރު ފެންނަން ފަށާފައިވާ ނުވަތަ މިހާރު އިވޭ އަޑުތަކުން އުފެދޭ ސުވާލަކީ އެ ކޮންގުރެސްއާ އެކު ޕީޕީއެމްގެ ތެރެއަށް އަންނާނީ ކޮން ކަހަލަ ލޮޅުމެއް ނުވަތަ ކޮން ކަހަލަ ހަލަބޮލިކަމެއް ބާ އެވެ؟

ޕީޕީއެމް ތެރޭގައި މިހާރު ފެށިފައިވާ ހޫނު ބަހުސްތަކާއި ބަހުގެ ހަމަލާތަކުގެ ތެރެއިން ޒާތީނުވެ ނުވަތަ ޖަޒުބާތުގައި ނުޖެހި ދާނެހެނެއް ހިޔެއްނުވެ އެވެ. ކޮންމެ ބޭފުޅަކީ އެންމެ ގާބިލު ބޭފުޅެއްކަން ދެއްކުމުގެ ގޮތުން، އަނެއް ކެނޑިޑޭޓަކީ މަގާމް ހައްގު މީހުން ނޫން ކަން އެންގުމަށް ހިންގާ ހަރަކާތްތަކުން މިއަދު އެކަން ހާމަވާން ފަށައިފި އެވެ. އެގޮތުން ބަލާ ނަމަ ޕީޕީއެމްގެ ކޮންގްރެސްއާ ދިމާކޮށް، އެ ޕާޓީ ތެރޭގައި އުފެދިފައިވާ ދެކޮޅު ވެރިކަމުގެ ތެރޭގައި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ކަމަށް ކުރިމަތި ލައްވާފައިވާ އިލްހާމް އަހުމަދާއި ޑެޕިއުޓީ ލީޑަރު ކަމުން ނަން އަނބުރާ ގެންދެވި އަހުމަދު މަހުލޫފާ ދެމެދު މަޖިލީހުގެ ތަޅުމުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ. އަދި ހަމައެހެންމެ ޕީޕީއެމްގެ ކޮންގްރެސްގައި ވާދަކުރައްވަމުން އެ ޕާޓީގެ އިންތިގާލީ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ތާއީދު ނުކުރައްވާނެ ކަމަށާއި އަބްދުއްރަހީމް އަބްދުﷲ ސޯޝަލް މީޑިއާތަކާއި އެހެން ބައެއް ވަސީލަތްތައް މެދުވެރިކުރައްވައި ޕާޓީގެ މަސްލަހަތު ގެއްލޭ ފަދަ ގޮތަކަށް އަމަލް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެޕާޓީގެ ކޮންގްރެސްގައި ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުއާޒު ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެފަ އެވެ. އަދި އުމަރު ނަސީރުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެ، ހުރިހާކަމެއް ނިންމާފައިވަނިކޮށް ކުއްލިއަކަށް އެ ޖަލްސާ ކެންސަލް ކުރަން ޖެހުނު ޖެހުމަކީ ވެސް އެ ކަމުގެ ހެއްކެކެވެ. އަދި ހަމައެހެންމެ ސޯޝަލް މީޑިއާތަކާއި ބައެއް މީޑިއާތަކުގައި ދައްކަވާ ވާހަކަފުޅުތަކުގެ ސަބަބުން އެޔަކީ ސިޔާސީ ބަހުސްއަށްވުރެ އަމިއްލެ ޒާތީ ކަންތައްތައް ކަން މިއަދު ވަނީ ފާހަގަކުރެވިފަ އެވެ. އަދި ތަފާތް ގުރޫޕުތައް ކަމަށްވާ "ޓީމް އުމަރު" ޓީމައި އަބްދުﷲ ޔާމިންގެ "ޔަގީން" ޓީމުގެ ވާދަވެރިކަމަކީ ކޮންގުރެސްގެ އަމާންކޮށް ގޮސްދާނެ ކަމަށް މިހާރު ގަބޫލު ނުކުރެއްވޭ ސަބަބުތަކެކެވެ.

ޕީޕީއެމްގެ ކޮންގްރެސްއަށް އުފެދިފައިވާ ގްރޫޕްތަކަށް ބަލާއިރު "ޓީމް އުމަރު" ގެ ގްރޫޕުގެ ފަހަތުގައި 2008 ވަނަ އަހަރު މައުމޫން އަބުދުލްގައްޔޫމްއާ ދެކޮޅު ހައްދަވައި މައުމޫން އަބުދުލްގައްޔޫމްއަށް އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވި އުމަރު ނަސީރު ހުންނަވާއިރު ދެން ހުންނެވީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކައުންސިލް މެމްބަރު މާޒް ސަލީމް އެވެ. ދެވަނަ އަށް ދެން އޮތީ މާ ނުރައްކާތެރި ޓީމެކެވެ. އާދެ ޕީޕީއެމް އަކީ މައުމޫން އަބްދުލްގައްޔޫމަށް ވަފާތެރި ޕާޓީއެއް ކަމަށް އެ ޕާޓި އިން ވެސް ގަބޫލުކުރާ އިރު ދެ ވަނަ ގްރޫޕު ކަމަށްވާ "ޔަގީން ޓީމް"ގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ މައުމޫން އަބްދުލްގައްޔޫމްގެ ކޮއްކޯފުޅު އަބުދުއްﷲ ޔާމީން އެވެ. އަދި މައުމޫން އަބްދުލްގައްޔޫމްގެ ތިން ބޭފުޅަކާއި މައުމޫން އަބްދުލްގައްޔޫމުގެ ތިމާގެ އަދި ގާތްގުޅުމެއް އޮންނަ ފަރާތްތަކެކެވެ. އެހެންކަމުން ޔަގީން ޓީމަކީ ޕީޕީއެމް ތަމްސީލް ކުރައްވާ އަދި މައުމޫން ވެސް ތާއީދު ކުރައްވާނެ ޓީމު ކަމަށް ގަބޫލު ކުރެވެ އެވެ.

ޕީޕީއެމްގެ ކޮންގުރެސް ދެ ދުވަހަށް ވެފައިވާ އިރު މިހާރު ހިނގާފައިވާ ހޫނު ބަހުސްތަކާއި އެހެނިހެން ކަންތަށްތަކުގެ ސަބަބުން އުފެދޭ ސުވާލަކީ ކޮންގްރެސްއަށް ފަހު ޕީޕީއެމްއަށް ވާނީ ކިހިނެއްބާ އެވެ؟ އުމަރު ނަސީރު އިސްކޮށް ހަރަކާތްތެރިވާ ޓީމް އުމަރުގެ ފަހަތުގައި ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވި ޕީޕީއެމްއިން އާއިލީ ނުފޫޒް ކަނޑުވާލުމަށް ބޭނުންވާ ފަރާތްތަކުން އެ ޕާޓީގައި ހަރަކާތްތެރިވާ އިރު ޔަގީން ޓީމް އަކީ އާއިލީ ޓީމެއް ކަމަށް ތުހުމަތުކުރެވެން އެބައޮތެވެ. އޭގެ ނަތީޖާއަކަށް ވެގެންދާނީ ޑީއާރްޕީ އަށް ވީ ކަމަށް ތުހުމަތުކުރާ ފަދައިން އާއިލާއަށް ބާރުތައް ނުލިބި ނުވަތަ ޕާޓީގެ ތެރޭގައި އާއިލީ ނުފޫޒް ވަރުގަދަވެގެން ބައިބައިވުން ފަދަކަމަށް ބެލެވެ އެވެ. އެގޮތުން މިފަހަރުގެ ކޮންގުރެންސް އެއީ އާއިލީ ކޮންގްރެސް އަކަށް ވެއްޖެ ނަމަ އެއީ ޕާޓީގައި ހަރަކާތްތެރިވާ އާއިލީ ނުފޫޒަށް ނޫނުކޭ ބުނާ ފަރާތްތަކުގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެކެވެ. ނުވަތަ އާއިލީ ފަރާތްތަކަށް މަގާމުތައް ނުލިބިއްޖެ ނަމަ އިތުރު ފެކްޝަނެއް އުފެެއްދޭނެ ކަމެއް ކަމަށް ޑީއާރްޕީ އަށް ވީގޮތުން ބެލެވެން އެބައޮތެވެ.

މާޒީގައި ކަން ހިނގާފައިވާ ގަޮަތަށް ބުރަވާ އިރު ބައެއް ކަންތައްތައް ހިނގާފާނެ ކަމުގެ ހެކިތައް ހުރިއިރު ޕީޕީއެމްގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ޔަގީން ޓީމް ޕީޕީއެމްގެ ކޮންގްރެސްގައި ވާދަކޮށް ބަލިވެއްޖެ ނަމަ އެކަން ގަބޫލްކޮށް މޮޅުވާ ބައެއްގެ ފަހަތުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޑީއާރުޕީގެ ތެރޭގައި އުފެދުނު ފަދަ ދެބަސްވުންތައް އުފެދި އެ ޕާޓީ އަށް ދިމާވި ފަދަ ދެރަ ގޮތެއް ޕީޕީއެމް އަށް ކުރިމަތި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕާޓީގައި އެބަތިބި ތިރީސް ހާހަށް ވުރެ ގިނަ މެމްބަރުން. އެހެންވީމަ އެ މެމްބަރުން ނިންމާ ނިންމުމަކާއި އެއްގޮތަށް އަބަދުވެސް ޕާޓީ ދަތުރު ކުރާނީ. އަސްލު އަޅުގަނޑުމެންގެ މެމްބަރުންގެ އެންމެ ބޮޑު ކޮންސާން އަކަށް ވާނީ ޑީއާރުޕީ އަށް ވީގޮތް މިޕާޓީ އަށް ވެދާނެ ބާއޭ. ޑީއާރުޕީ އަށް ވީ ގޮތަކަށް އިރާދަ ކުރެއްވިއްޔާ ޔަގީން މި ޕާޓީއަކަށް ނުވާނެ،" މަހުލޫފު ވިދާޅުވި އެވެ.

ޔަގީން ޓީމަށް ނިސްބަތްވާ މަހުލޫފުގެ ބަސް އެގޮތަށް ހުރިއިރު މިހާރު އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ހޫނު ބަހުސްތަކުގެ ތެރޭގައި "އޭނައަށް ވުރެ ޕާޓީއަށް މަގޭ ހިދުމަތް މާ ބޮޑުވާނެ" އެފަދަ ބަސްތަކުގެ ސަބަބުން އިންތިހާބު ނިމިގެންދާ ގޮތުން ޕާޓީތެރެ އަމާންވާނެ ކަމަށް ނުބެލެވެ އެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާތަނަށް ޕާޓީތަކުގެ ކޮންގްރެސްތަކަށް ބަލާ އިރު ޑީޢާރްޕީއާއި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ތަޖުރިބާތަކަށް ބަލާއިރު ގުޑުމެއް އަރާނެ ކަމަށް ބެލެވެ އެވެ.