ދަރިވަރަކާ ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރު ކުރި ރ. ވާދޫ ސްކޫލް ޓީޗަރަކު އަލުން ސްކޫލަށް ނުކުންނަ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވާދޫން ވާހަކަ ދެއްކި މީހަކު ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ބަދުއަޚްލާގީ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ޓީޗަރު ހޯމަ ދުވަހުން ފެށިގެން ސްކޫލަށް ނުކުންނަމުންދާ ކަމަށެވެ.

ސެކަންޑްރީ ގްރޭޑްގެ ކުދިންނަށް ކިޔަވައިދެމުން އަންނަ އެ ޓީޗަރު ހައްޔަރުކުރީ ފަޅުގެއެއްގެ ތެރޭގައި ދަރިވަރަކާ އެކު ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ވާދޫ ސްކޫލުން ވާހަކަ ދެއްކި ވެރިއަކު ބުނީ އެ މައްސަލައާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށެވެ. އަދި ސްކޫލްގެ ޓީޗަރަކު އެފަދަ މައްސަލައެއްގައި ހައްޔަރު ކުރިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވާދޫން ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ އެ މައްސަލައިގައި ބައެއް ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރި އިރު، ސިޔާސީ ގޮތުން އެކަމާ ދެކޮޅުވާ ފަރާތްތަކެއް އެ ރަށުގައި އުޅޭ ކަމަށެވެ. އަދި ޓީޗަރު ކިޔަވައިދިނުމަށް ނުކުންނަން ފެށުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ސްކޫލަށް މައްސަލަ ހުށަހެޅުމުން ވެސް އެކަމާ މާބޮޑު ފިޔަވަޅެއް ސްކޫލުން އަޅާފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ ބަދުއަޚްލާގީ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު ވާދުން ހައްޔަރުކުރި ޓީޗަރު ދޫކޮށްލާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ ދޫކޮށްލާފައި ވަނީ މުއްދަތު ޖަހަން އެ އަތޮޅު ދުވާފަރު ކޯޓަށް ގެންދިއުމުން އޭނާ ބަންދުގައި ބަހައްޓާނެ ތަނެއް ނެތް ކަމަށް ކޯޓުން ބުނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށެވެ.