16 Jan 2013, 00:53
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފައްދަވަން އުޅުއްވެވި "ޖުޑީޝަލް ރިފޯމް ކޮމިޝަން"ގެ މެންބަރު ކަމުގެ ދައުވަތު ލިބިވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އާއި އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފު އެއްބަސްވެވަޑައިގެންފި އެވެ.
~
ދަށު ކޯޓުތަކުގެ ހުކުމްތައް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ތަންފީޒު ނުކުރުމަށާއި އެ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަ ނުދޭން ރައީސް މުހަންމަދު ނަޝީދު ނެރުއްވަން އުޅުއްވި ގަރާރުގައި ބުނާ ޖުޑީޝަލް ރިފޯމް ކޮމިޝަންގެ ހަތަރު ބޭފުޅުން ހާޒިރު ކުރުމަށް ނަޝީދުގެ މައްސަލަ ބައްލަވާ ވަގުތީ ކޮމެޓީން ވަނީ ނިންމާފަ އެވެ. ނަމަވެސް މިރޭގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވީ މާރިޔާ އާއި އާފީފު އެކަންޏެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ހައި ކޯޓްގެ ފަނޑިޔާރު އަހުމަދު ޝަރީފު ކޮމެޓީ އަށް ހާޒިރުވެވަޑައި ނުގެންނެވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ހިންގަވާފައިވާ ގާނޫނު އަސާސީއާ ހިލާފު ކަންތައްތައް ބަލުމަށް އުފައްދާފައިވާ ކޮމެޓީ އަށް ޖަވާބުދާރީ ވެވަޑައިގަންނަވަމުން މާރިޔާ މިރޭ ވިދާޅުވީ ޖުޑީޝަލް ރިފޯމް ކޮމިޝަންގެ މެންބަރަކަށް ވުމުގެ ދައުވަތު ލިބުނުކަން ކުރީގެ ސަރުކާރުގައި ރައީސް އޮފީހުން ގުޅާފައި އެންގި ކަމަށެވެ. ނަމަވެސް އެކަން އެންގީ ކޮން ބޭފުޅެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ޖުޑީޝަލް ރިފޯމަކީ ގައުމީ މަސްލަހަތުގައި އޮތް ކަމެއް. އެހެންވީމާ ޖުޑީޝަލް ރިފޯމް ކޮމިޝަނެއް އުފެއްދަވަން އެމަނިކުފާނު ނިންމެވި. އެހެންވީމަ އެދައުވަތު އަޅުގަނޑަށް ލިބުނު. އެ ކޮމިޝަން އުފެއްދުމަކީ ގާނޫނު އަސާސީގެ ދަށުން އެބޭފުޅާއަށް [ނަޝީދަށް] ލިބިގެންވާ ބާރެއް،" މާރިޔާ ވިދާޅުވި އެވެ.
އެ ކޮމިޝަންގެ މެންބަރަކަށް ވުމުގެ ދައުވަތު ލިބުމުން މަޖިލީހުގެ މެންބަރަކަށް ހުރެ، އެ މަގާމަށް ވަޑައިގެންނެވިދާތޯ ގާނޫނީ ގޮތުން ބެއްލެވުމަށް މަޖިލީހަށް ސިޓީއެއް ފޮނުއްވެވި ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެ ސީޓިގެ ޖަވާބެއްގެ ގޮތުގައި މަޖިލީހުގެ ކައުންސެލް ޖެނަރަލް ލަފާދެއްވީ މަޖިލީހުގެ މެންބަރަކަށް ހުންނަވައިގެން އެއްވެސް ކޮމިޝަނެއްގެ މެންބަރަކަށް ނުވެވޭނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެކި ކޮމިޝަންތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށް އެފަދަ ކޮމިޝަންތައް އުފައްދަންޖެހޭ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ ކޮމިޝަނެއް އުފައްދާ ނަމަ، އެފަދަ ކޮމިޝަނެއްގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް މާރިޔާ ވިދާޅުވި އެވެ.
ޖުޑީޝަރީ ރިފޯމް ކުރާ ކޮމިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އަފީފު މިރޭ ވިދާޅުވީ އެ ކޮމިޝަންގެ މެންބަރުކަމުގެ ދައުވަތު ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް "އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް، އެއްވެސް ގޮތަކުން" ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
ކުރީގެ ސަރުކާރުގައި ރައީސް ނަޝީދު ނެރުއްވަން އުޅުއްވި ގަރާރުގައި ދަށު ކޯޓްތަކުގެ ފަނޑިޔާރުންގެ މުސާރަ ނުދެވޭނެ ކަމަށް ކަނޑައަޅަން ނިންމާފައިވެ އެވެ. އެ ގަރާރުގައި ބުނަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފައްދަވާ ޖުޑީޝަލް ރިފޯމް ކޮމިޝަންގެ މަސައްކަތްތައް ފެބްރުއަރީ 16، 2012 އަށް ނިންމަން ޖެހޭނެ ކަމަށެވެ.