ޕާޓީއާއި ގައުމަށްޓަކައި މަސައްކަތްކުރާނެކަމުގެ ވައުދުތަކާއެކު ޕީޕީއެމްގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް އަބްދުލްޢަފޫރުގެ ކެމްޕެއިން ޖަގަހަ މިރޭ ހުޅުވައިފިއެވެ.

ހ. ސަން ގޭގައި އަދީބުގެ ކެންޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ނާއިބްރައީސް ކަމުގެ މަގާމަށް އޭނާ ހޮއްވަވައިދެއްވައިފިނަމަ ޕީޕީއެމްގެ ހުރިހާ ގޮފިތަކެއް ގުޅުވައި ދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ޕޯޑިއަމްތަކުގައި އަޑުހަރުކޮށް ހަގީގަތެއް ނެތް ވާހަކަތައް ދައްކާ މީހުން ނޫންކަމަށާއި ބޭނުންވަނީ ގައުމަށްޓަކައި މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. އަދި އޭނާ ސިޔާސީ މައިދާނަށް ނުކުތީ އެ އަޒުމުގައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މިގައުމަށް ބޭނުންވަނީ ޕޯޑިއަމްތަކުގައި އަތްޖަހާފަ ހަގީގަތެއްނެތް ވާހަކަދައްކާނެ މީހުނެއް ނޫން. ކަންކުރެވޭ ދިމާލަށް ނުކުނަންކެރޭމީހުން މިގައުމަށް ބޭނުން ވަނީ،" އަދީބް ވިދާޅުވި އެވެ.

އެ ހަފްލާގައި އޭނާ ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތައުރީފު ކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ޒުވާނުންނަށް ކުރިއަށް ދެވޭނީ "ލީޑަރުން ޒުވާނުންނަށް ފުރުސަތު ދެއްވައިގެން" ކަމަށާއި ޔާމީނަކީ ޒުވާނުންނަށް ފުރުސަތު ދެއްވާނެ ބޭފުޅެއްކަމަށެވެ.

އަދީބްގެ ކެންޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނައާ އެކު ނާއިބް ރައީސް ކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީންގެ އިތުރުން އެޕާޓީގެ "ޔަގީން ޓީމް" ގެ އިސް ބޭފުޅުން ވެސް ބައިވެރިވެފައި ވެއެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ އަދީބަކީ އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން ވަރަށް ގާބިލް ޒުވާންބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ ނާއިބް ރައީސް ކަމުގެ މަގާމަށް ގާބިލު ކެރޭ ޒުވާނެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.