15 Jan 2013, 23:25
ނ. މާފަރުގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ދުބާއީގެ ކުންފުންޏެއް ކަމަށްވާ ނޫނު ހޮޓެލްސް އެންޑް ރިސޯޓް އާއެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުން މިއަދު އުވާލައްވައިފި އެވެ.
ސަން އަށް ދެއްވި އިންޓަވިއުއެއްގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ސާމީ އަގީލް މިރޭ ވިދާޅުވީ ނޫނު ހޮޓެލްސް އެންޑް ރިސޯޓް އާއި 2008 ވަނަ އަހަރު ހަވާލުކޮށްފައިވާ މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމާއި ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރުމުގެ އިތުރުން ސިޓީ ހޮޓަލެއް އެޅުމަށް ވެފައިވާ އެއްބަސްވުން އެބޭފުޅުނަށް ދިމާވި ދަތިތަކެއްގެ ސަބަބުން މިއަދު އުވާލާފައިވާ ކަމަށެވެ.
"ނޫނު ހޮޓެލްސް އެންޑް ރިސޯޓް އާއެކު މާފަރުގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށާއި ރިސޯޓެއް ތަރައްގީކުރުމާއި ސިޓީ ހޮޓަލެއް އެޅުމަށް ވެފައިވާ އެއްބަސްވުން ވަނީ އުވާލެވިފަ. އެއްބަސް އުވާލެވުނީ މަސައްކަތްކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތްތަށް ނުނިމުމުން މުއްދަތު ހަމަވީ މިދިޔަ ޖޫން މަހުގެ ނިޔަލަށް،" ސާމީ ވިދާޅުވި އެވެ.
ސާމީ ވިދާޅުވީ އެގޮތަށް ނިންމާފައިވަނީ މާފަރު ރައްޔިތުންނާ ވެސް ވާހަކަ ދެއްކުވުމަށްފަހު އެއަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށާއި އެއެއާޕޯޓް ހިންގުމުގެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމަށް އަންނަ ހަފްތާގައި އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މާފަރު އެއާޕޯޓް އެޅުމަށް ހަވާލުކުރެވިފައިވާ ކުންފުއްޏަކާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާއިރު އެއާޕޯޓް މައްސަލާގައި އެ ރަށުގައި މިހާރު ދަނީ ބޮޑެތި އިހުތިޖާޖްތަކެއް ކުރަމުންނެވެ. އެ އިހްތިޖާޖްތަކަށް ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެއާޕޯޓްގެ މައްސަލަ ހައްލުކުރުމަކީ އެމީހުންގެ އެންމެ ބޮޑު އެދުމެވެ.