ޔޫތު ޗެމްޕިއަންޝިޕް 2013ގެ ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި އީގަލްސްގެ އަހުމަދު އިމާޒު (އާއްކޮ) ކާމިޔާބު ކުރި ހެޓްރިކާ އެކު މަހިބަދޫ ސްޕޯޓްސް ކުލަބު 1-6 އިން ބަލިކޮށް އީގަލްސްގެ ފެށުން ވަރުގަދަ ކޮށްފި އެވެ.

މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅުނު ފޯރިގަދަ މެޗު ފެށިގެން ދެވަނަ މިނިޓުގައި އީގަލްސް އަށް މަހިބަދޫގެ ގޯލް ހުޅުވާލަދިނީ އެޓީމުގެ ކެޕްޓަން އަހުމަދު އިމާޒު (އާއްކޮ) އެވެ. އަދި މެޗުގެ 31 ވަނަ މިނިޓުގައި އީގަލްސް އަށް ނަތީޖާ ފުޅާކޮށްދިނީ މުހައްމަދު ތަސްމީން އެވެ. އޭގެ ދެމިނިޓު ފަހުން ހުނަރުވެރި ފޯވަޑް އާއްކޮ ވަނީ އޭނާ މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑާ އެކު އީގަލްސް އަށް ތިނެއް ސުމެއްގެ ލީޑެއް ހޯދައި ދީފަ އެވެ.

އީގަލްސްއިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރިތާ މިނިޓެއްގެ ތެރޭގައި މަހިބަދޫގެ އަލީ އަޔާޒު ވަނީ އެޓީމު ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު 34 ވަނަ މިނިޓުގައި ކާމިޔާބުކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ތިނެއް އެކަކަށް ބަދަލު ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ވެސް މެޗުގެ ކުޅުން ކޮންޓްރޯލް ކުރަމުންދިޔަ އީގަލްސް ޓީމުން ދެވަނަ ހާފުގެ ކުޅުން ފެށިގެން 53 ވަނަ މިނިޓުގައި ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު މުސްލިހު އެވެ. އޭނާ ވަނީ އޭގެ ހަތަރު މިނިޓުފަހުން ދެވަނަ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ފަހެއް އެކަކަށް ބަދަލުކޮށްފަ އެވެ.

އީގަލްސްގެ ހަވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 88 ވަނަ މިނިޓުގައި އާއްކޮ އެވެ. މަހިބަދޫގެ ތިން ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހު ބޯޅަހިފައިގެން އެރިޔާ ތެރެއަށް ވަދެ ގޯލްގެ މެދަށް ބޯޅަ ފޮނުވާލައިގެން އޭނާވަނީ މެޗުގައި ހެޓްރިކެއް ހަދާފަ އެވެ.

އީގަލްސްއިން ވަނީ ފަހު ހާފުގައި ނަތީޖާ އިތުރަށް ފުޅާކުރާނޭ ގިނަ ފުރުސަތު ތަކެއް ހޯދާފަ އެވެ. އަދި މެޗުގައި މަހިބަދޫ ސްޕޯޓްސް ކުލަބުގެ ކޮޅަށް ވަތް ގިނަ ގޯލްތަކަކީ އެޓީމުގެ ކީޕަރަށް މަތަ ކުރެވެން ޖެހޭފަދަ ފަސޭހަ ގޯލްތަކެއްކަން ފާހަގަ ކުރެވެ އެވެ.

ޔޫތު ޗެމްޕިއަންޝިޕުގެ ގްރޫޕް ތިނެއްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ކެލާ ނާޅި ސްޕޯޓްސް އާއި ކްލަބް ގްރީން ސްޓްރީޓް އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގަ އެވެ.