15 Jan 2013, 22:35
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާކުރާ މިންވަރު ބަލާ ކޮމިޓީއަށް ޖަވާބު ދާރީވެވަޑައިގަތުމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް ދެކޮޅު ހައްދަވައިފި އެވެ.
ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ވިދާޅުވީ މިއަދު ބޭއްވި އެ ކޮމެޓީގެ ސިއްރު ބައްދަލުވުންތަކަށް ހާޒިރުވުމަށް އެންގެވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ކޮމެޓީއަށް ވަޑައިގެންނެވި ކަމަށެވެ. އެ ބޭފުޅުންގެ ތެރެއިން ނާޒިމާއި ޝިޔާމް ކޮމެޓީއަށް ޖަވާބު ދެއްވުމަށް ދެކޮޅު ހެއްދެވުމުން ކޮމެޓީ ހޫނުވެގެން ދިޔަ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ނާޒިމް ކޮމެޓީއަށް ޖަވާބުދާރީވެވަޑައި ނުގަތުމުން އެމަނިކުފާނު ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެތް ކަމަށް ކޮމެޓީން ކަނޑައެޅުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ ހުށަހެޅުމަށް ވޯޓަށް ނައައްސަވާ ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮމެޓީގެ މެންބަރުންގެ ހުށަހެޅުންތަކަށް ވޯޓަށް އަހާނީ މާދަމާ ބާއްވާ ކޮމެޓީގައި ކަމަށެވެ.
މިރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށް މަޖިލީހަށް ވަނީ އަންގާފަ އެވެ. ރާއްޖެއިން ބޭރުގައި އުޅުއްވާތީ މިރޭގެ ބައްދަލުވުމަށް ރިޔާޒު ވަޑައިނުގަތުމުން ކޮމެޓީން ނިންމާފައި ވަނީ މާދަމާ މެންދުރުފަހު 1:00ގައި ބާއްވާ ބައްދަލުވުމަށް އޭނާ ހާޒިރުވުމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެ ފާނު ވެސް މިއަދު ބޭއްވި ކޮމެޓީއަށް ހާޒިރު ކުރި އެވެ. ކޮމެޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ތޮލްހަތު ޖަވާބުދާރީވެ ވަޑައިގެންފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ވިދާޅުވި އެވެ.
ކޯނީގެ ދިރާސާއަށް ކޮމެޓީއަށް މިއަދު ހާޒިރު ކުރި ތިން ބޭފުޅުންނާއެކު މިހާތަނަށް 11 ބޭފުޅަކު ކޮމެޓީއަށް ހާޒިރުކޮށްފައިވެ އެވެ. އެއީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު އާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް މުހައްމަދު ދީދީއާއި ކާނަލް މުހައްމަދު ޒިޔާދުގެ އިތުރުން ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލެވެ.