ކައުންސިލް ތަކަށް ދޭން ޖެހޭ އެންމެހައި އިހްތިސާސް ތަކާއި ބާރުތައް ދީގެން ކައުންސިލްތައް ހިންގުމަށް މަގުފައިވާނެ ގޮތަކަށް މަސައްކަތްތައް ކޮށްދިނުމަށް ލޯކަލް ގަވާންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަރުކާރަށް ގޮވައިލައިފި އެވެ.

އެލްޖީއޭ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސައިން ވިދާޅުވީ ލާމަރުކަޒީ ގާނޫނޫގެ ދަށުން އިދާރީ ދާއިރާތައް ހިންގުމުގެ ޅަފަތުގައި އެންމެން އެކަމުގައި ބަގުޑި ބެއްދުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުވާނެ ކަމަށެވެ. އަދި ކައުންސިލް ތަކުންވެސް އެކައުންސިލެެއްގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާ ކުރަންޖެހޭނެ ކަމަށާއި ކައުންސިލްތަކުން ވެސް އެކަމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް އޭނާ ގޮވާލެއްވި އެވެ.

"ލާމަރުކަޒީ ގާނޫނުގެ ދަށުން އިދާރީ ދާއިރާތައް ހިންގުމުގެ މިހާ ޅަފަތުގައި އެއް ބަޔަކު އަނެއް ބަޔަކު މިކަމާއި ބަގުޑި ބައްދަން ވެއްޖިއްޔާ އަޅުގަނޑަކަށް ހީއެއް ނުވޭ މިކަމުގެ އެންމެ ފުރިހަމަ ނަތީޖާއެއް ފެނިގެންދާނެ ކަމަކަށް. އަޅުގަނޑު ސަރުކާރަށް ވެސް އަދި ސިޔާސީ ފަރާތް ތަކަށް ވެސް ގޮވާލަން ކައުންސިލްތަކަށް ދޭން ޖެހޭ އެންމެހައި އިހްތިސާސް ތައް ދީގެން މިކަމަށް މަގުފައިވާ ގޮތަށް މަސައްކަތް ކުރުމަށް،" ޝުޖާއު ވިދާޅުވި އެވެ.

މީގެއިތުރުން ސިޓީ ކައުންސިލް އުވުލުމަށް އެލްޖީއޭގެ އެޖެންޑާގައި ހިމެނުނު ކަމަށް ދެކެވޭ ވާހަކަ އަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑް މެންބަރުންގެ 43 ވަނަ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލް އުވާލުމުގެ މައްސަލަ އެޖެންޑާކޮށްފައި ނުވާނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ އެލްޖީއޭއިން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލް އުވާލުމުގެ މައްސަލަ އެޖެންޑާ ނުކުރެވޭ ކަމަށާއި ނަމަވެސް ގާނޫނާއި ގަވާއިދާއި ހިލާފުވާ ކައުންސިލްތަކާއި ދޭތެރޭ ފިޔަވަޅު އެޅުމުގެ މައްސަލަ އެލްޖީއޭ ބޯޑް މެންބަރުންގެ 43 ވަނަ ބައްދަލުވުމުގައި އެޖެންޑާ ކުރެވުނު ކަމަށެވެ.

" އަޅުގަނޑުމެންނާ ވަރަށް ބޮޑަށް މީޑިއާތަކުން އެބަ ސުވާލު ކުރައްވާ އެލްޖީއޭގެ ބޯޑް މެންބަރުންގެ 43 ވަނަ ބައްދަލުވުމުގައި މާލޭ ސިޓީ ކައުންސިލް އުވާލުމުގެ މައްސަލަ އެޖެންޑާ ކުރެވުނުތޯ. އަޅުގަނޑު އެ ސުވާލަށް ދަންނަވަން އޮތް ޖަވާބަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ 43 ވަނަ ބައްދަލު ވުމަށް މާލޭ ސިޓީ ކައުންއިލް އުވާލުމުގެ މައްސަލަ އެއް އެޖެންޑާ ނުކުރެވެެއޭ. އޭގެ ބަދަލުގަ އެޖެންޑަ ކުރެވިފަ އޮތް މައްސަލަ އަކީ ގާނޫނާއި ހިލާފްވާ ކައުންސިލް ތަކާއި މެދު ފިޔަވަޅު އެޅުން." ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނު ބުނާ ގޮތުން އެއްވެސް ކައުންސިލެއް ގާނޫނޫނާއި ގަވާއިދާއި ހިލާފްވެއްޖެ ކަމުގެ މައްސަލައެއް އެލްޖީއޭ އަށް ހުށަހެޅިއްޖެނަމަ އެ މައްސަލައެއް އެލްޖީއޭގެ އެޖެންޑާގައި ހިމެނޭނެ ކަމަށެވެ.

ކައުންސިލަކާއި ދޭތެރޭ އެލްޖީއޭއިން ފިޔަވަޅު އެޅުމުގެ ކުރިން ގާނީ ގޮތުން ހަތަރު މަރުހަލާއެއް ކަނޑައްތު ކުރަން ޖެހޭ ކަމަށާއި އެލްޖީއޭގެ ބޯޑަށް ކައުންސިލެއް އުވާލެވޭނީ ނުވަތަ ފިޔަވަޅު އެޅޭނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހައި އިޖުރާތްތަކެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.