15 Jan 2013, 19:02
ތިލަފުށީ ފަޅުން 152 ހެކްޓަރުގެ ބިން ހިންކުމަށް ހެވީލޯޑް މޯލްޑިވްސްއާ ހަވާލުކުރި މަސައްކަތް ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކޮށް ނުނިންމުމުގެ ސަަބަބުން 650 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ތިލަފުށީ ކޯޕަޜޭޝަން ލިމިޓެޑް (ޓީސީއެލް) އިން ބުނެފި އެވެ.
މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓީސީއެލްގެ ގާނޫނީ ވަކީލު މަޒުލާން ރަޝީދު މިއަދު ވިދާޅުވީ ތިލަފުށީ ބިންހިއްކުމުގެ މަޝްރޫއު ހެވީލޯޑާ ހަވާލު ކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށްކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ނިންމިނަމަ އެ ބިން ކުއްޔަށް ދީގެން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އަދި އެކަން ހާސިލް ނުވެފައިވާއިރު، މިހާރު ހިއްކާފައިވާ 32 ހެކްޓަރުގެ ބިމުގެ އަޑިގުޑަނުގެ ސަބަބުން ފަސްގަނޑު ރަނގަޅު ކުރުމަށް އެކަނި ވެސް މިލިއަނެއްހާ ޑޮލަރު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ޖުމުލަ 650 މިލިއަން ރުފިޔާވަރު ނުލިބި ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕުރޮޖެކްޓުގެ އެގްރިމެންޓް ކުރުމުގައި އަދި އެ އެގްރިމެންޓްގައި ސޮއިކުރީ ވެސް އަދި އެގްރިމެންޓް ތައްޔާރުކުރިއިރު ވެސް އެއްވެސް ލޯފާމެއްގެ ހާއްސަކޮށް އަޅުގަނޑުގެ ލޯފާމުގެ އެއްވެސް އިންވޯލްމަންޓެއް ނެތް،" މަޒުލާން ރަޝީދު ވިދާޅުވި އެވެ.
މަޒުލާން ވިދާޅުވީ ބިޑު ސެކިއުއިރިޓީގެ ގޮތުގައި ހެވީލޯޑުން ދޭން ނިންމި ތަކެތީގައި ސޮއި ނުކުރުމަށް އެންގި ކަމަށާއި ނަމަވެސް އެއާ ދެކޮޅަށް އޭރުގެ ކުންފުނީގެ ބޯޑުން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ހެވީލޯޑާއެކު ހަދާފައިވާ އެ އެގްރިމެންޓަށް "ދެން ހެދެން އޮތީ ތިން ގޮތެއް،" ކަމަށާއި އެއީ އެގްރިމެންޓާއެކު ކުރިއަށް ދިއުން ނުވަތަ އެގްރިމެންޓަށް އިސްލާހުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދިއުން ނޫންނަމަ އެގްރިމެންޓް ބާތިލު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެގްރިމެންޓް އުވާލަން ވިސްނާއިރު އެ ކުންފުނިން މީގެ ކުރިން ހަދާފައިވާ ގޯސްތަކެއްގެ ސަބަބުން ކުންފުއްޏަށް ގެއްލުމެއް ވެދާނެ ކަމަށް ވެސް މަޒުލާން ވިދާޅުވި އެވެ.
ހެވިލޯޑުގެ އެއްބަސްވުމާމެދު ގޮތެއް ނިންމާނެ ދުވަހެއް ކަނޑައެޅިފައި ވޭތޯ ތަކުރާރުކޮށް ކޮމެޓީގެ މެމްބަރުން ސުވާލުކުރުމުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދު ވިދާޅުވީ އެ މައްސަލާގައި ގޮތެއް ނިމުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ ގުޅިގެން ބަންޑާރަ ނާއިބްގެ ލަފައަކަށް ވެސް އެދިފައިވާ ކަމަށެވެ.
އެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓީސީއެލްގެ މެނޭޖިން ޑިރެކްޓާ އިލްހާމް އިދުރީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއުގެ ފައިނޭންޝަލް ސެކިއުރިޓީއެއްގެ ގޮތުގައި ހެވީލޯޑުން ޓީސީއެލް އަށް ދިން 16.1 މިލިއަން ރުފިޔާގެ ސެކިއުރިޓީ ޗެކް ކޭޝް ކުރަން ބޭންކަށް ހުށަހެޅުމުން، އެ ޗެކް ބައުންސްވި މައްސަލަ ފުލުހުނަށް ހުށަހަޅާފައިވާ ކަމަށެވެ.
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލުކޮށްފައި ވަނީ 21 މިލިއަން ޑޮލަރު (323 މިލިން ރުފިޔާ) އަށެވެ. ނަމަވެސް ފަހުން ވަނީ މަސައްކަތް މެދު ކަނޑާލުމަށް ފަހު، އެ ތަނުގައި ބޭނުން ކުރި ކޮންނަ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސްފަ އެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހެވީލޯޑާ ހަވާލު ކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހެވީލޯޑަށް ނާޖާއިޒް ފައިދާތަކެއް ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި ޓީސީއެލްގެ ބޯޑުގެ ކުރީގެ ތިން މެންބަރުން ކަމަށްވާ މއ. މަޒާގޭ އިބްރާހިމް ރިޔާޒާއި ގ. ރަންގިރިޓީގޭ މުހައްމަދު ވާފިރާއި މއ. ރާހާ އަހުމަދު އަދުލީ ރަޝީދުގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ.