15 Jan 2013, 18:07
މެންޗެސްޓާ، އިންގްލެންޑް (އޭޕީ) – މެންޗެސްޓާ ސިޓީ ދޭއް ސުމަކުން އާސެނަލް އަތުން މޮޅުވިމެޗުގައި މެޗުގެ ރެފްރީ އެ ޓީމުގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި މައްސަލަ ސިޓީން އެޕީލްކޮށްފި އެވެ.
ކޮމްޕެނީއަށް ސީދާ ރަތްކާޑެއް ދައްކާފައި ވަނީ އެ ދެ ޓީމު އާދީއްތަ ދުވަހު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 76 ވަނަ މިނިޓުގައި ޖެކް ވިލްޝެއާއަށް ޓޫ-ފުޓެޑް (ދެފައިން އެއްފަހަރާ) ފައުލު ކުރުމާއި ގުޅިގެން ނެވެ. އަދި އެކާޑުގެ ސަބަބުން އޭނާ އަށް ތިންމެޗުގެ ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހޭނެ އެވެ.
ރެފްރީ މައިކް ޑީންގެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ނިންމައިފި ނަމަ، ޕްރިމިއާ ލީގުގައި ފުލަމް އާއި ކުއީންސް ޕާކު ރޭންޖާސް އަދި އެފްއޭކަޕުގެ ހަތަރު ވަނަ ބުރުގައި ކުރިސްޓަލް ޕެލަސް ނުވަތަ ސްޓޯކް ސިޓީއާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗްތަކުގައި ކޮމްޕެނީއަކަށް ނުކުޅެވޭނެ އެވެ.
ސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފައި ވަނީ ރެފްރީގެ އެނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އަދި "ކޮމްޕެނީ މަސައްކަތްކުރީ އިދިކޮޅު ކުޅުންތެރިޔާގެ އަތުން ބޯޅަ ހޯދަން އަދި އޭނާ އެބޯޅަ ހޯދި،" ކަމަށެވެ.
ސިޓީ މިހާރު ވެސް ކުޅެމުން ގެންދަނީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ޔާޔާ ޓޯރޭވެސް ނެތިއެވެ. މިޑްފީލްޑަރަކަށް ކުޅޭ ޓޯރޭވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސް ގައި ބައިވެރިވާ އައިވަރީ ކޯސްޓްގެ ގައުމީ ޓީމަށް ކުޅެން އެޓީމާއި ބައިވެރި ވެފަ އެވެ. އޭނާ އެނބުރި ސިޓީއާ ގުޅޭނީ އެމުބާރާތް ނިމުމުން ނެވެ.