15 Jan 2013, 18:02
އިމާރާތުގެ މަސައްކަތް މުޅިން ނުނިމޭތީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގައި ކިޔަވައިދިނުން ދެ ދުވަހަށް މެދުކަނޑާލައިފި އެވެ.
އަރަބީއްޔާގެ އާ އިމާރާތުގައި އިއްޔެ ކިޔަވައި ދިނުން ކުރިއަށް ގެންގޮސްފައި ވަނީ ހެދުނު ދަންފަޅީގެ ދަރިވަރުންނަށެވެ. އެއީ ގްރޭޑް ހަތަކުން ފެށިގެން 12އިގެ ދަރިވަރުންނެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެ ސްކޫލްގެ ޓީޗަރަކު ވިދާޅުވީ ހެނދުނު ދަންފަޅީގައި އެ ސްކޫލްގެ އާ އިމާރާތުގައި ކިޔަވަމުން އައި ކުދިންގެ ކިޔެވުން ދެ ވަހަށް މެދުކނޑާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ސްކޫލަށް އައުމުން އެނގުނީ މޯނިން ސެޝަންގައި އާ އިމާރާތުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ދެ ދުވަހަށް ބަންދު ކުރެވިފައިވާ ކަން." އެ ޓީޗަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން އެޑިއުކޭޝަންގެ އިސް ވެރިން އަރަބީއްޔާގެ ޓީޗަރުންނާ ބައްދަލު ކުރެއްވި ކަމަށާއި އަދި އާ އިމާރާތުގެ 12 ކްލާސް ރޫމެއް ނިމިފައިވާ ކަމަށް އެޑިއުކޭޝަންގެ އިސްވެރިން ވިދާޅުވި ކަމަށެވެ. އަދި ނިމިފައި ހުރި ކްލާސް ރޫމްތަކުގައި ސެކެޑްރީ އަދި ސާނަވީ ގްރޭޑްތަކުގެ ކުދިންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް އެ ޓީޗަރު ވިދާޅުވި އެވެ.
"ސްކޫލްތައް ހުޅުވުމުގެ ކުރިން އެޑިއުކޭޝަންގެ އިސްވެރިން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވި. އަދި އާ އިމާރާތުގެ 12 ކްލާސް ރޫމެއް ނިމިފައިވާ ކަމަށް ވިދާޅުވީ. އަދި ސެކަންޑްރީ ސާނަވީ ކުދިންގެ ކިޔެވުން އާ އިމާރާތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވީ،" އަރަބީއްޔާގެ ޓީޗަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަންގެ އިސްވެރިން އެހެން ވިދާޅުވެފައިވީ ނަމަވެސް އަރަބީއްޔާގެ ޓީޗަރުން އެކަމަށް އެއްބަސްވެފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ބެލެނިވެރިއަކު އެ މީހުންގެ ކުދިން މިހާރު އިމާރާތް އެ ހުރި ގޮތުން އެ އިމާރާތަށް ފޮނުވަން ބޭނުން ނުވާ ކަމަށެވެ. އަދި ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނާ ދޭތެރޭ ސަރުކާރުން އިހުމާލް ވެފައިވާ ކަމަށް އެ ސްކޫލްގެ ޓީޗަރުން ދެކޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރަބީއްޔާގެ އާ އިމާރާތުގެ ކިޔެވުން ދެ ދުވަހަށް ބަންދު ކުރި ސަބަބެއް ހޯދުމަށް އެޑިއުކޭޝަންގެ އިސް ވެރިންނަށް ގުޅުއްވުމުން އެ ބޭފުޅުން ފޯން ނުނަންގަވާތީ އެޑިއުކޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރަބީއްޔާ ސްކޫލަށް އިއްޔެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޒިޔާރް ކުރެއްވުމަށް ފަހު ނޫސް ވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފައި ވަނީ އަރަބީއްޔާގެ އާ އިމާރާތުގެ މަސައްކަތް މުޅިން ނިންމާލުމަށް އަދި ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށާވެ. އެހެންނަމަވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވެފައި ވަނީ އަރަބިއްޔާގެ މަސައްކަތްނިމި އާ އިމާރާތުގައި ކިޔަވައި ދިނުމަށް އަދި ދެހަފްތާ ވަރު ނަގާނެ ކަމަށެވެ.
މިހާރު އަރަބީއްޔާގެ ގްރޭޑް ހައަކުން ފެށިގެން ދަށުގެ ކުދިން ކިޔަވަމުން ގެންދަނީ އަމީނީއްޔާ ސްކޫލްގަ އެވެ. އަދި ހަތަކުން ފެށިގެން މަތީ ގްރޭޑް ތަކުގެ ކުދިން ކިޔަވަމުން ދަނީ އަރަބީއްޔާގެ އާ އިމާރާތުގަ އެވެ.