15 Jan 2013, 17:55
ކަރަޕްޝަން މައްސަލައެއްގެ ތުހުމަތުގައި ފާކިސްތާނުގެ ޕްރައިމިނިސްޓަރު ރާޖާ ޕަރުވޭޒް އަޝްރަފް ހައްޔަރު ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.
މިއަދު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗަކުން ނެރުނު އަމުރުގައި ވަނީ 22 ބިލިއަން ރުޕީސްގެ ހަކަތަ އުފެއްދުމުގެ ޕްރޮޖެކްޓްގައި ކަރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާތީ އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 15 މީހަކާއި އަދި ބޮޑުޒީރު ރާޖާ ޕަރުވޭޒް އަޝްރަފް 24 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށް މާދަމާގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހާޒިރު ކުރުމަށެވެ.
ބޮޑުވަޒީރު އަޝްރަފް ވަނީ 2010 ވަނަ އަހަރު އޭނާ އެ ގައުމުގެ ވޯޓާ އެންޑް ޕަވާ މިނިސްޓަރަކަށް ހުންނެވި އިރު އޭނާ ހުއްދަ ދެއްވި، ޕަވަ ޖެނެރޭޝަން ޕްރޮޖެކްޓް ބިޑްކުރުމުގައި ރިޝްވަތުގެ އެއްވެސް އަމަލެއް ހިންގާފައިވާ ކަމަށް އިންކާރު ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ މި އަމުރުގެ ސަބަބުން ޕާކިސްތާނުގެ ސިޔާސީ މަޝްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އެ ގައުމުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ސަބަބުން ޕާކިސްތާނުގެ މިހާރުގެ ސަރުކާރު ވެއްޓުމަކީ ދުރުކަމެއް ނޫނެވެ.
އަދި މި ވަގުތަކީ އެ ގައުމުގެ މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ތަހުރީރުލް ގަދްރީ އެގައުމުގެ އެތައް ހާސް ބަޔަކު ގޮވައިގެން މަގުތަކަށް ނުކުމެ ސަރުކާރު ވައްޓާލުމަށް ގޮވާލާ މުޒާހަރާ ކުރަމުން ގެންދާ ދަނޑިވަޅެކެވެ.
ރިޝްވަތުގެ އެ މައްސަލައިގައި ބޮޑުވަޒީރުގެ އިތުރުން ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ސަރުކާރުގެ ކުރީގެ ތިން ކެބިނެޓް މިނިސްޓަރަކާއި އަދި ކުރިން ސަރުކާރުގެ ބައެއް މުއައްސަސާތަކުގައި މަސައްކަތް ކުރެއްވި ހަތަރު ސެކްރެޓަރީ އަކު ހިމެނެ އެވެ.