15 Jan 2013, 17:50
ޓޫރިސްޓް ވިސާގައި ނޫން ގޮތަކަށް އިންޑިއާ އަށް ދަތުރު ކުރާ ދިވެހިންނަށް ވިސާ ހޯދުމަށް މާދަމާއިން ފެށިގެން ސީދާ އިންޑިއަން ހައިކޮމިޝަނަށް ދާން ޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އިންޑިއާ ވިސާ އަށް ބާރު ބޮޑުވެ، އިންޑިއަން ހައިކޮމިޝަން ކުރިމަތީގައި ކިޔޫ ދިގުވާން ފެށުމުން ސަރުކާރުން ނިންމީ ފޮރިން މިނިސްޓްރީ އިން ދޫކުރާ ނަމްބަރެއް ހިފައިގެން ގޮސް ހައި ކޮމިޝަނުން ވިސާ ހޯދުމަށެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވިސާ ނެގުމަށް އެމިނިސްޓްރީން މިހާތަނަށް ދޫކުރަމުން އައި ނަމްބަރު ކުރިއެކޭ ވެސް އެއްގޮތަށް މާދަމާ އިން ފެށިގެން ދޫކުރަމުން ގެންދާނީ އިންޑިއާގެ ހައިކޮމިޝަނުން ކަމަށާއި މެޑިކަލް އެމަޖެންސީތަކުގައި އިންޑިއާ އަށް ދާ ފަރާތްތަކުން ވެސް މާދަމާއިން ފެށިގެން ވިސާގެ ކަންތައްތައް ހަމަޖައްސަން ޖެހޭނީ ސީދާ އިންޑިއަން ހައިކޮމިޝަނުން ކަމަށެވެ.
ނަމަވެސް އަލުން ވިސާގެ ކަންތައްތައް ހައިކޮމިޝަނަށް ބަދަލުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އެ މިނިސްޓްރީއަކުން ބުނެފައެއް ނުވެ އެވެ.
މީގެ އިތުރުން މާދަމާއިން ފެށިގެން ވިސާ ހޯދުމަށް މިނިސްޓްރީގެ ހޮޓް ލައިނަށް އެސްއެމްއެސް ކުރަން ނުޖެހޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
މިކަމާ ގުުޅިގެން ފޮރިން މިނިސްްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އިންޑިއާ އަށް ދިއުމަށް ބޭނުންވާ ވިސާ ހޯދުމުގެ ކަންތައްތައް ފޮރިން މިނިސްޓްރީ އަށް ބަދަލުކުރީ އިންޑިއާ އަށް ޓޫރިސްޓު ވިސާގައި ނޫން ގޮތަކަށް ދާ މީހުން ވިސާ ނެގުމަށް އިންޑިއަން ހައިކޮމިޝަނުން ހަމަޖެއްސުމާ ގުޅިގެން، ވިސާ ހޯދުމަށް ކޮމިޝަން ދޮށުގައި ކިޔު ހަދަން ޖެހުނު މީހުންގެ ޝަކުވާ ބޮޑުވެ، ވިސާ ލިމުގައި ދިވެހިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމާ ގުޅިގެންނެވެ.