ކޮލަންބޯ (ޖަނަވަރީ 15): ސްރީލަންކާގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް މަހިންދަ ރާޖަޕަކްސަ އޭނާގެ ސަރުކާރުގެ ގާނޫނީ އިސް މުޝީރުކަމުގެ މަގާމުގައި ހުންނެވި މޯހަން ޕައިރިސް މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕައިރިސް އަކީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ އިތުރުން އެދާއިރާއިން ތަޖްރިބާ ހާސިލްކުރައްވާފައިވާ ފުންނާބު އުސް ބޭފުޅެކެވެ. މިގޮތުން ޕައިރިސްވަނީ ސްރީލަންކާގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފަ އެވެ. މީގެއިތުރުން އޭނާއަކީ ރައީސް މަހިންދަ ރާޖަޕަކްސަ ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށް ވެސް ހަބަރު ލިބެ އެވެ. ޕައިރިސް މިމަގާމަށް އައްޔަންކުރެއްވީ ކުރިން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ޝިރާނީ ބަންޑާރަނަޔަކަ މަގާމުން ދުރުކުރުމަށް ޕާލަމެންޓުން ނިންމުމާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގެ ބަންދުގައި ޝިރާނީ މަގާމުން ދުރުކޮށްފައިވަނީ 155 ވޯޓުގެ އަގުލަބިއްޔަތަކުންނެވެ. އޭނާ މަގާމުގައި ބެހެއްޓުމަށް ވޯޓުދީފައިވަނީ 45 މެންބަރުންނެވެ.

މިއީ ސްރީލަންކާގެ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް ރައީސް މަހިންދަ ރާޖަޕަކްސަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ޕާލަމެންޓުން އެޅި ފިޔަވަޅެއް ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ގާނޫނީ ވަކީލުން ވަނީ ސިފަކޮށްފަ އެވެ. މީގެއިތުރުން މިމައްސަލާގައި ބައިނަލްއަގުވާމީ މުޖްތަމައުގެ ފާޑުކިޔުންތައްވެސް ސްރީލަންކާ ސަރުކާރަށްވަނީ އަމާޒުވެފަ އެވެ.

ސްރީލަންކާގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރި މޯހަން ޕައިރިސް ބަލައިނުގަންނާނެ ކަމުގެ އިންޒާރު އެގައުމުގެ ގާނޫނީ ވަކީލުންގެ ޖަމްއިއްޔާއިން ވަނީ ދީފަ އެވެ. (ބީ.ބީ.ސީ)