15 Jan 2013, 17:37
އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ މެމްބަރު އަބްދުﷲ ހިލްމީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި މ. ކަނުހުރާގޭ، މުހައްމަދު އިބްރާހިމް ދީދީ ހުށަހަޅައިފައިވާ އެމައްސަލަ ވަނީ ބަލައިގެންފަ އެވެ. އަދި އެމައްސަލަ މިހާރު ވަނީ އެޖެންޑާ ލިސްޓްގައި ވެސް ހިމަނާފަ އެވެ.
އެކޮމިޓީއަށް ފޮނުވާފައިވާ އެސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ދެ މައްސަލައެކެވެ. އޭގެތެރޭގައި ހިމެނެނީ ހިލްމީ ނިސްބަތްވެވަޑައިގެންނަވާ ގދ. ތިނަދޫއިން ގަވާއިދާ ހިލާފަށް ގޯތިދޫކުރި މައްސަލައެއް އޭސީސީއަށް ހުށަހެޅުމާ ގުޅިގެން އެމައްސަލަ ތަހުގީގުކުރުމަށް ހިލްމީ އެކޮމިޝަންގެ މުވައްޒަފުންތަކަކާ އެކު ވަޑައިގެން އޭނާގެ ރައްޓެހިންނާއި ގާތްތިމާގެ މީހުންގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރެއްވުމުގެ ގޮތުން އޭގެތެރެއިން ބައެއް މައްސަލަތައް އޮއްބާލާފައިވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ މައްސަލަ އެވެ. އަނެއް މައްސަލައަކީ އޭސީސީގެ ބަޖެޓުން ހިލްމީ އައިފޯނަކާއި މެކްބުކް ޕްރޯއެއް ބައްލަވައިގެތް ކަމަށް ބުނާ މައްސަލައެކެވެ.
~
މީގެއިތުރުން އެކޮމިޝަނުން ކުރުމަށް ހަމަަޖައްސާ ބައެއް ދަތުރުތައް ކުރުމުގައި ވެސް އަގު ހެޔޮކޮށް ކުރެވެން އޮންނަ ބައެއް ދަތުރުތައް ވަކި ބަޔަކަށް ފައިދާއެއް ހޯދައިދިނުމުގެ ބޭނުމުގައި އަގުބޮޑުކޮށް ކުރުވާފައިވާ ކަމަށާއި ތިނަދޫގައި ހޭދަކުރެއްވި 10 ދުވަހަށް ކޮންމެ ދުވަހަކު 120 ރުފިޔާގެ އިތުރުން އެ ރަށުގައި ހުރުމަށް 350 ރުފިޔާ ކޮމިޝަންގެ ބަޖެޓުން ނެންގެވުމަށްފަހު، އޭނާ ހުންނެވީ އަމިއްލަ ގޭގައި ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ. އަދި އެކޮމިޝަންގެ ތިން މެމްބަރަކު އެ ކޮމިޝަންގެ ދަތުރެއްގައި ވަޑައިގެން ތިއްބެވީ އެެރަށުގައި އެހެން ތަންތަން ވެސް ހުއްޓާ ހިލްމީގެ ތިމާގެ މީހަކު ބަލަހައްޓާ ގެއެއްގެ ދެ ކޮޓަރިއަށް ދުވާލެއްގެ މައްޗަށް 350 ގެ މަގުން 21،000 ރުފިޔާ ދީގެން ކަމަށް ވެސް ބުނެފައިވެ އެވެ.
އޭސީސީ ރައީސް ހަސަން ލުތުފީ މިއަދު ސަން އޮންލައިނަށް ވިދާޅުވީ ހިލްމީގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ތާކުންތާކުން ޖެހޭ ހަގީގަތެއް ހުރި ވާހަަކަތަކެއް ނޫން ކަމަށާއި އެކަމަކީ އެ ކޮމިޝަންގައި ނަން ބަދުނާމު ކުރުމުގެ ބޭނުމުގައި އެ ކޮމިޝަންގައި ކުރިން ވަޒީފާ އަދާކުރި މީހަކު އަޑީގައި ހުރެގެން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ. އަދި ކޮމިޝަންގެ ބަޖެޓުން ގަނެފައިވާ ކަމަށް ބުނާ ތަކެތީގެ މައްސަލައަކީ މަޖިލީހުން އެ މައްސަލަތައް ބެލުމަށްފަހު ފައިސާ ވެސް ހޯދައިފައިވާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމިޝަންގެ ދަތުރުތަކުގައި ހަރަދުކުރުމަށް ދޭ ފައިސާ އެމީހަކު އަމިއްލައަށް ބޭނުންވާ ތަނެއްގައި ހުރުމަށް ހަރަދުކުރުމަކީ މައްސަލައެއް ނޫން، އަނެއްކޮޅުން ކޮމިޝަންގެ ބަޖެޓުން ގަނެފައިވާ ކަމަށް ބުނާ ސްމާޓްފޯނާއި މެކްބުކްގެ މައްސަލައަކީ ކުރިން މިނިވަން މުއަައްސަސާތަކުން ބަލާ ނިމިފައިވާ މައްސަލައެއް، އެއީ ހަމަ އެއްވެސް ތާކުން ތާކުން ޖެހޭ ވާހަކަތަކެއް ނޫން، ކޮމިޝަންގެ މައްސަލައެއް އުޅެންޔާ ހަމަ ބަލަންވީ ބެލެންވެސް ވާނެ،" ހިލްމީ ވިދާޅުވި އެވެ.