ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ހޯދުންތައް މަޖިލީހަށް ފޮނުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި "ތާސްޑޭ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ވެރިކަން ހިންގާ ބާރުން ކުރާ ކަމެއް ހޯދައި ބެލުމަކީ ގާނޫނު ހަދާ ބާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިސާލެއްގެ ގޮތުގައި ރައީސް ނެންގެވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެމަނިކުފާނު އުފެއްދެވި ކޮމިޝަންގެ ހޯދުންތައް މަޖިލީހަށް ފޮނުވުމަށް އެދުނު މައްސަލަ އެވެ.

އެމަނިކުފާނު ވިދާޅުވީ ވެރިކަން ހިންގާ ބާރުން ކޮށްފައިވާ ކަންތައްތައް ބެލެން ނެތަސް "ވިސްނުން ހުރީ ކޮންމެ ކަމެއް ވެސް ކުރެވޭނެ ގޮތައް" ކަމަށެވެ. "އަޅުގަނޑު އުފެއްދި ކޮމިޝަން، އެ ކޮމިޝަންގެ މަސައްކަތްކޮށް ނިމިގެން މިހާރު އޭގެ ރިޕޯޓް ވަނީ ދެވިފަ. އެހެންނަމަވެސް މިހާރު ލެޖިސްލޭޓިލް ބްރާންޗުން އައިސް މި ބުނަނީ އެ ކޮމިޝަންގައި އަޑުއެހި ހުރިހާ އިންޓަވިއުތަކާއި ޓޭޕްތަކާއި ނަގާފައި ހުރި ހުރިހާ ބަޔާންތަކާއި މި ހުރިހާ އެއްޗެހި ފޮނުވާދޭށޭ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެއީ ކުރެވޭނެ ކަމެއް ނޫން،"

ރައީސް ވިދާޅުވީ ޑިމޮކްރަސީގެ ޅަފަތުގައި އެފަދަ ކަންތައްތައް ވާނެ ކަމަށާއި އެއްބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމުގެ ކަންތައްތަކެއް ހިނގާފާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންތައްތައް ހައްލުވުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"ހާއްސަކޮށް އެގްޒެކެޓިވް ޕްރެސިޑެންސީއެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައި ހުރި ކޮމިޝަނެއްގެ ތެރޭގައި ހިނގާފައި ހުރި ޕްރޮސީޖާތައް، އަލުން ގެންގޮސްގެން ބެލުމަކީ އެއީ ލެޖިސްލޭޓާއިން ކުރެވިގެންވާނެ ކަމެއް ނޫން... ދެން މާދަމާވި އަޅުގަނޑު މިސާލަކަށް ސިޓީއެއް ފޮނުވަން މަޖިލީހުގެ މިވެނި ކޮމެޓީއެއްގައި އޮތް ސިއްރު ޖަލްސާއެއްގެ ޔައުމިއްޔާއާއި މިއެއްޗެހި އަޅުގަނޑަށް ފޮނުއްވައި ދެއްވާށޭ. މި އީކީ މީހުން ކަންތައް ކުރާ ގޮތެއް ނޫން. އެހެންވީމާ މިބާވަތުގެ އޮޅުން ބޮޅުންތަކެއް ހުރި ދުވަސްވަރެއްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ކޯނީގެ ބަޔާންތައް މަޖިލީހަށް ފޮނުވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން ދެ ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމުން ވެސް ރައީސް އޮފީހުން އެ ސިޓީއަށް ޖަވާބެއް ދީފައެއް ނުވެ އެވެ. އެ މައްސަލާގައި ކޮމެޓީން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 99 ވަނަ މާއްދާއަކީ މަޖިލީހުގެ ކޮމެޓީއަށް ލިބިފައިވާ ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ހ) ގައި ބުނަނީ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން އަންގައިފިނަމަ ކޮންމެ މީހަކު ވެސް އެ ކޮމެޓީއަކަށް ހާޒިރުވެ ކޮމެޓީން އަންގާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމެޓީއަށް ލިބިގެންވާ ކަމަށެވެ.

ކޯނީގެ ހޯދުންތައް މަޖިލީހަށް ނުފޮނުވުމުން ކޮމެޓީން ނިންމައިގެން މިހާތަނަށް ވަނީ އަށް ބޭފުޅެއްގެ ބަޔާން ކޮމެޓީއަށް ނަގާފަ އެވެ. އެއީ ޕޮލިސް އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހާއި ފުލުހުންގެ ޑްރަގް އެމްފޯސްމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު އާއި ހިއުމަން ރައިޓްސް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ފާތުމަތު ދިޔާނާ ސައީދު އާއި ރިޓަޔާޑް ބްރިގޭޑިއާ ޖެނަރަލް އިބްރާހިމް ދީދީއާއި ކާނަލް މުހައްމަދު ޒިޔާދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނެވެ.