15 Jan 2013, 16:59
ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ދިރާސާ ކުރުމަށް ކަމަށް ބުނެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ކުރަމުންގެންދާ މަސައްކަތްތަކަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރަމުން ގެންދާ ކަމެއް ކަމަށް ބަންޑާރަ ނާއިބް އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނާއިބް އާޒިމާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
އާޒިމާގެ ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސާށާއި ހަތަރު ކޮމެޓީއަކަށް ކޯނީގެ ރިޕޯޓު ސަރުކާރުން ފޮނުވާފައިވާއިރު އެ ރިޕޯޓާ މެދު ވަކިގޮތަކަށް އަމަލު ކުރުމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެ ރިޕޯޓާ މެދު ވަކިގޮތަކަށް އަމަލު ކުރުމުގެ ބާރު މަޖިލީހުގެ ކޮމެޓީތަކަށް އަދި ލިބިފައި ނުވާކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
".... މިރިޕޯޓް މަނިކުފާނަށް އަރިސްކުރެއްވުމާ އެކު، މި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ހަތަރު ކޮމެޓީއަކަށް ފޮނުއްވާފައިވާކަން ފާހަގަކުރަމެވެ. އަދި މި ރިޕޯޓާ މެދު ވަކިގޮތަކަށް އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާފައި ނުވާކަމާއި، ވުމާއެކު، މިހާލަތުގައި މި ރިޕޯޓާ މެދު އަމަލު ކުރުމުގައި، މި ރިޕޯޓް އެ ކޮމެޓީތަކަށް ފޮނުއްވި ކޮމެޓީތަކުގެ ގާނޫނީ ޒިންމާ އަކަށް ވާނީ، އެ ކޮމެޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލިބިފައިވާ ބާރުގެ ދަށުން އަދާކުރައްވަންޖެހޭ ޒިންމާ ކަމާއި، މި ރިޕޯޓާ މެދު އެހެންގޮތަކަށް އަމަލު ކުރުމުގެ ބާރު އެ ކޮމެޓީތަކަށް މިހާލަތުގައި ލިބިވަޑައިގެންފައި ނުވާކަން ފާހަގަ ކުރަމެވެ،" އާޒިމާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ގާނޫނު އަސާސީގެ 99 ވަނަ މާއްދާއިން ކޮންމެ މީހަކު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދިދާނެކަމަށް ބުނެފައި އޮތްނަމަވެސް އެބާރުގެ ބޭނުންކުރަންވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުން ކޮމެޓީއަށް ލިބިދޭ ބާރުގެ ހުދޫދުގެ ތެރެއިން ކަމަށް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި ކޮމެޓީތަކަށް މީހުން ހާޒިރުކޮށް މައުލޫމާތު ހޯދަން ވާނީ އެހެން މީހުންނަށާއި ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުތަކުން ލިބިދޭ އިމްތިޔާޒުތަކާ ހައްގުތައް ތައާރަޒު ނުވާނެގޮތަކަށް ކަމަށް ވެސް އާޒިމާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެ ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގައި އެކުލެވިފައިވާ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަކީ ތިންބާރު ވަކިވެ، އެއްބާރުން އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ ބާރު އެކުލެވިފައިވާ އޮނިގަނޑަކަށް ވާއިރު، ކޮންމެ ބާރަކަށް ލިބިފައިވާ ބާރުތައް ކަނޑައަޅާފައިވަނީ ވެސް ގާނޫނު އަސާސީގައި ކަމަށެވެ. އެހެންކަމުން ތިންބާރުގެ ތެރެއިން ކޮންމެ ބާރަކުން ވެސް އަމަލު ކުރަންވާނީ ގާނޫނު އަސާސީން އެ މުއައްސަސާއަކަށް ލިބިފައިވާ ބާރުތަކާއި ޒިންމާތަކުގެ ތެރެއިން ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގައި އެފަދައިން ބަޔާންކޮށްފައި ވާއިރު މަޖިލީހުގެ ކަންކަންވެސް އެގޮތަށް ތަރުތީބުވެގެން ދިޔުމަކީ ދައުލަތުގެ ގާނޫނީ އޮނިގަނޑު އޮމާންކަމާ އެކު ހިންގުމަށް ކޮންމެހެން ބޭނުންވާ ކަމެއް ކަމަށާއި އެނޫންގޮތަކަށް ކަންތައް ވަމުންދިޔުމަކީ ދައުލަތުގެ ގާނޫނީ އޮނިގަޑު ބަލިކަށިވެގެންދާނެ ކަމެއް ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އެހެންކަމުން ގާނޫނީ އޮނިގަނޑުގެ ބޭރުން ހިނގާ ކަމެއްގައި އެކިއެކި މީހުން ހާޒިރުކޮށް މައުލޫމާތު ހޯދައި، ގާނޫނީ މުއާމަލާތްތައް ކުރުމަކީ ނުރަނގަޅު ދުސްތޫރީ އިޖުރާއަތްތަކެއް ގާއިމް ކުރެވި، އެކި ފަރުދުންގެ އަސާސީ ހައްގުތައް ގެއްލި، ދުސްތޫރީ އުސޫލުތައް އޮޅިގެންދާނެ ކަމަކަށް ވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ ކަންތައް ހިނގަމުން ދަނީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިންކަން ޔަގީން ކޮށްދެއްވުމަށް ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ އެދޭ ކަމަށް ވެސް އާޒިމާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
".... މިކަމާ އަޅުގަނޑު ކަންބޮޑުވާ ކަމާއި މިކަންކަން ހިނގަމުންދާނީ ކަނޑައެޅިފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިިންކަން ޔަގީންކޮށްދެއްވުން އެދޭވާހަކަ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ބ) އާ ހަވާލާދީ ދެންނެވީމެވެ،" އާޒިމާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.