15 Jan 2013, 16:37
އެފްއޭއެމުގެ ބެލުމުގެ ދަށުން ދެ ފަހަރު މަތިން ބާއްވަން އުޅެ ނުބޭއްވުނު އެފްއޭއެމް އިންތިހާބަށް އެންމެ ފަހުން ފީފާގެ ފަރާތުން އެކުލަވާލި ފަސް މެމްބަރުން ހިމެނޭ އިންޓަރިމް ކޮމިޓީގައި ކުރީގެ ގައުމީ ކީޕަރު މުހައްމަދު އިގްބާލް ނުހިމަނާން ނިންމައިފި އެވެ.
އެކޮމެޓީގައި އިގްބާލް ނުހިމަނާން ނިންމި އިރު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެކޮމެޓީގައި ހިމެނޭ އެތްލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް ވަނީ އަމިއްލައަށް އިސްތިއުފާ ދީފަ އެވެ. އެހެން ކަމުން ކޮމެޓީގައި މިހާރު ތިބީ، ކޮމިޓީގެ ޗެއާމަންއަކަށް އައްޔަން ކޮށްފައިވާ އޮލިމްޕިކް ކޮމިޓީގެ ޗެއާމަން އިބްރާހީމް އިސްމާއީލް އާއި ސްޕްރިންޑެންޓެންޑް އޮފް ޕޮލިސް އަބުދުﷲ ނަވާޒް އަދި މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު އަނިލް އެވެ.
އިންޓަރިމް ކޮމިޓީގެ ޗެއާމަން އިބްރާހިމް އިސްމާއީލް މިއަދު ސަންއަށް ދެއްވި ކުރު އިންޓަވިއުގައި ވިދާޅުވީ، އިންތިހާބުގެ ކަން ކަން ބަލާ ކުރިއަށްގެންދިއުމަށް އުފެއްދި އިންޓަރިމް ކޮމިޓީން އިގްބާލްގެ ނަން އުނިކުރީ ފީފާއިން އޭނަގެ ނަން އުނިކުރުމަށް އެންގުމުން ކަމަށެވެ.
އެފްއޭއެމްގެ އިންތިހާބު މިހާރު އަލުން މިމަހުގެ 26 ގައި ބާއްވަން ނިންމާފައިވާ އިރު، އެފްއޭއެމުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާ އަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.
އެފްއޭއެމްގެ އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލައިގަ އެވެ.
އެފްއޭއެމް އިންތިހާބުގައި ވޯޓުލާނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމު އަދި ތިން ވަނަ ޑިވިޝަނުގެ ދެ ޓީމަކުންނެވެ.
ދެހާސް އަށް ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އާޒިމްގެ ޓީމުގެ ހަތަރު އަހަރުގެ ޓާމް ހަމަވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.