ޝިޕްސްޓޯރުގެ ގޮތުގައި ރާއްޖެ އެތެރެ ކުރި ޝިޕްމަންޓެއްގެ މުދާ، އެ އުޅަނދެއްގެ ނަމުގައި ކޮންސައިންކޮށް ކަސްޓަމްސަށް ޑިކްލެއާކުރި އުޅަނދު ނޫން އެހެން އުޅަނދަކަށް މުދާ އަރުވަނިކޮށް އަތުލައިގެންފި އެވެ.

އިއްޔެ އަތުލައިގަތް މުދާތަކުގެ ތެރޭގައި ހިމެނެނީ މޭވާ އާއި ތަރުކާރީ ފަދަ ކާބޯތަކެތީގެ ބާވަތްތައް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އެ މުދާތައް އަތުލައި ގަތީ މުދާ އަރުވަން ޖެހޭ އުޅަނދު ނޫން އެހެން އުޅަނދަކަށް މުދާތައް އަރާވާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާ ގުޅިގެން އެ އިދާރާގެ ސްޕެޝަލް އޮޕަރޭޝަން ސެކްޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަންގެ ދަށުންނެވެ. އަދި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް އެތެރެވުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށް ޓަކައި މިހިނގާ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހާއްސަ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި ހުޅުލޭގައި ހުންނަ އެއާކާގޯ ސެކްޝަނަށް ހާއްސަކޮށްގެން ހިންގި އޮފަރޭޝަންގައި ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ކަނޑައެޅުނު ތަފާތު 83 ޝިޕްމަންޓެއްގެ 489 ދާގީނާ، ހާއްސަ ގޮތުގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ޝިޕްސްޓޯކުރި ގޮތުގައި ރާއްޖެ ގެންނަ މުދާ ހުންނަންވާނީ ޝިޕްޓޯސްގެ ގޮތުގައި ކަމަށާއި އެތަކެތި ގެންނަ އުޅަނޑުގެ ނަމުގައި ކޮންސައިންކޮށްފައިވާ ކަމަށެވެ. އަދި ޝިޕްސްޓޯރުގެ ގޮތުގައި ދޫކުރާ މުދަލެއް، އެ މުދަލެއް ދޫކުރެވޭ އުޅަނޑު ފިޔަވައި އެހެންތަކަނަކަށް ގެންދިއުމާއި ނުވަތަ އެއުޅަނދުގެ ފަޅުވެރިން ފިޔަވައި އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކުމަކީ ކުށެއްކަމަށް ގަސްޓަމްސްގެ އާންމު ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.