އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބު އެހެން ވަޒީފާއެއް ހޯދުމަށް ތިން މަހުގެ ނޯޓިސްދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަން އަށް ވިދާޅުވީ ހަބީބަށް ތިން މަހުގެ ނޯޓިސް ދެއްވީ އެ ކޮމިޝަންގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކުރިން އަމަލުކުރަމުން އައި ގޮތަކީ ދެތިން ސެކްޝަނެއް އެއްކޮށްލުމަށް ފަހު ޑިވިޒަންތަކެއްގެ ގޮތުގައި ހިންގުން ކަމަށާއި ސެކްރެޓަރީ ޖެނެރަލަށް އޭރު ރިޕޯޓް ކުރީ ޑިވިޒަން ހެޑުން ކަމަށެވެ. ނަމަވެސް ފުއާދު މިއަދު ވިދާޅުވީ އަލަށް ގެންނެވި ބަދަލާ އެކު މިހާރު ޑިވިޒަން ހެޑުން ނުތިއްބަވާނެ ކަމަށާއި ހަބީބަކީ ވެސް ޑިވިޒަން ހެޑަކަށް ވުމުން އެ މަގާމު އުވުނީ ކަމަށެވެ.

ކޮމިޝަންގެ ރައީސް ވިދާޅުވީ މިހާރު ދެން އަމަލު ކުރައްވާނެ ގޮތަކީ ސެކްޝަންތަކުގެ ހެޑުން ސެކްރެޓަރީ ޖެނެރަލަށް ރިޕޯޓް ކުރުމުގެ އުސޫލެއް ކަމަށެވެ.

ހަބީބުގެ މަގާމު ވަކިކުރެއްވި އިރު އޭނާ ހުންނެވީ އިންތިހާބުތަކާ ބެހޭ ޑިވިޒަންގެ ހެޑަކަށެވެ.

ހަބީބަށް ދިން ނޯޓިސްއާ ގުޅިގެން ހަބީބު އަދި ކޮމެންޓެއް ދެއްވުމަށް ވަނީ އިންކާރު ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސީނިއާ ތިން މުވައްޒަފަކު ވަނީ ކައިރިކައިރީގައި ވަޒީފާ އިން ވަކިކޮށްފަ އެވެ. އެ ތިން ބޭފުޅުން ވެސް ވަޒީފާ އިން ވަކިކުރީ، އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓްގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް އިދާރީ މުވައްޒަފުންތަކެއް ހުށަހެޅިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ބަޖެޓްގައި ފައިސާ ނެތް ކަމަށް ކަނޑައަޅައި ފުރަތަމަ ވަޒީފާ އިން ވަކިކުރެއްވީ އެޗުއާރު ޑިރެކްޓަރު އައިމިނަތު ޝާދިޔާ އެވެ. އެ އަށް ފަހު އެ ސޯސިއޭޝަނެއްގެ ވަޒީފާއި އުޅުއްވާ ކަމަށް ބުނެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ތޮލާލެވެ.

އިލެޝަންސް ކޮމިޝަންގެ ސީނިއާ ތިން ބޭފުޅަކު ވަޒީފާ އިން ވަކިކުރެއްވި އިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ލޯކަލް ކައުންސިލްގެ އިންތިހާބު ވަނީ ގައިދަށްވެފަ އެވެ.