ދެ ފަހަރެއްގެ މަތިން ބާއްވަން އުޅެ ހަމަނުޖެހުން ބޮޑުވެގެން ނުބޭއްވުނު އެފްއޭއެމުގެ އިންތިހާބު މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

އިންތިހާބު ބޭއްވުމަށް ފީފާ އިން އެކުލަވާލި އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން އިބްރާހީމް އިސްމާއީލް ސަން އަށް މިއަދު ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވީ، އިންތިހާބު ބާއްވާނެ ފައިނަލް ތާރީހަކަށް މިހާރުން ކޮމެޓީން ނިންމާފައި ވަނީ މި މަހުގެ 26 ވަނަ ދުވަސް ކަމަށާއި އަދި އިންތިހާބުގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

"އަޅުގަނޑުމެން އިންތިހާބު ބާއްވާނެ ތާރީހުތައް ފައިނަލް މި ކުރީ އިންތިހާބުގައި ވޯޓް ލެވޭ 13 ކުލަބުގެ ތެރެއިން ގިނަ ކުލަބު ތަކެއްގެ މެޖޯރެޓީއާ އެކު ވާހަކަ ދެއްކުމަށް ފަހު. އަދި އެފްއޭއެމް އާ ވެސް ވާހަކަ ދެއްކުމަށް ފަހު. އެކަމަކު އަދި ދެ ކުލަބަކުން ވަކި ޖަވާބެއް ނުލިބޭ،" އިބްރާހީމް އިސްމާއީލް ވިދާޅުވި އެވެ.

އެފްއޭއެމުގެ އިންތިހާބުގައި ވާދަ ކުރައްވަނީ މިހާރުގެ ރައީސް އަލީ އާޒިމާއި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި އޭނާ އަށް ތާއީދު ކުރައްވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

އެފްއޭއެމްގެ އިންތިހާބުގައި ވޯޓްލެވޭ ކުލަބްތަކަކީ ފުރަތަމަ ޑިވިޒަންގެ އަށް ކުލަބާއި ދެ ވަނަ ޑިވިޝަނުން ތިން ކުލަބު އަދި ތިން ވަނަ ޑިވިޝަނުން ދެ ކުލަބާއެކު ޖުމުލަ 13 ކުލަބަކުންނެވެ.

އިބްރާހީމް އިސްމާއީލް ވިދާޅުވީ، ވޯޓު ލުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގެ މަތިން، އިންތިހާބުގައި ވޯޓުލާ ފަރާތް ބަދަލު ކުރެވޭނީ ކުލަބެއްގެ ބޯޑުގެ އަގުލަބިއްޔަތުން އެކަން ފާސްކުރުމަށް ފަހު އަންނަ އަންގާރަ ދުވަހުގެ ކުރިން އެފްއޭއެމުގައި ރަޖިސްޓްރީ ކުރުމަށް ފަހު ކަމަށެވެ. އަދި ގަވާއިދު ބުނާ ގޮތުން ވޯޓްލާ ދުވަހަށް ސުލޫކީ މިންގަނޑުތަކެއް ވެސް އެކުލަވާލެވިފައިވާ ކަމަށާއި އެގޮތުން އެ މިންގަޑުތަކާ ހިލާފްވާ ކުލަބުތައް އެ ދުވަހުގެ އިންތިހާބީ ހޯލުން ނެރެވޭނެ ކަމަށް ވެސް އިބްރާހިމް އިސްމާއީލް ވިދާޅުވި އެވެ.

އެ އިންތިހާބު ދެ ފަހަރު ވެސް ލަސްވީ ޔުނައިޓެޑް ވިކްޓަރީގެ ވޯޓުގެ މައްސަލާގަ އެވެ. އެކުލަބުގެ ރައީސް އާޒިމަށް ޕްރޮކްސީ ދީފައިވީ ނަމަވެސް ކުލަބުގެ ބޯޑުގެ ގިނަ މެމްބަރުން ތާއީދު ކުރަނީ އިލްހާމަށެވެ. ނަމަވެސް ޕްރޮކްސީ ބަދަލު ކުރެވޭނެ ގޮތެއް ނެތުމުން ބޯޑުން ވަނީ އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފަ އެވެ. މިކަމާ ހެދި ފުރަތަމަ އިންތިހާބު ބާއްވަން އުޅުނު ދުވަހު އިންތިހާބު ހުއްޓުވީ އިލްހާމަށް ތާއީދު ކުރާ ފަރާތްތަކުންނެވެ. ދެ ވަނަ ދުވަހު އާޒިމްގެ ޓީމުންނެވެ.