ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ޑީއާރްޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައި ދިނުމަށް މިރެއާއި މާދަމާ އައްޑު އަތޮޅާއި ފުވައްމުލަކުގައި ޑީއާރްޕީގެ ޖަލްސާތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.


އިދިކޮޅު ޕާޓީ، ޑީއާރްޕީން ބުނީ، ފުވައްމުލަކުގައި ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ޒިކުރާ ސްކޫލްގައި ކަމަށާއި އައްޑު އަތޮޅު ހިތަދޫގައި ހުންނަ ޑީއާރުޕީ ހަރުގޭގައި ވެސް މިރޭ 8:45 ގައި ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.


މީގެ އިތުރުން މާދަމާ އެ އަތޮޅު ހުޅުދޫ އާއި މީދޫގައި މެންދުރުފަހުގެ ވަގުތެއްގައި ޖަލްސާތައް ބޭއްވުމަށް ފަހު ރޭގަނޑު 8:45 ގައި ސ. ފޭދޫ ސްކޫލްގައި ވެސް ޖަލްސާއެއް ބާއްވަން ޑީއާރުޕީން ވަނީ ނިންމާފަ އެވެ. މި ބައްދަލުވުންތަކުގައި ޑީއާރްޕީގެ ކައުންސިލް އާއި ޕާލަމެންޓްރީ ގްރޫޕުގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.


ޑީއާރްޕީން ބުނީ ރަށްރަށުގައި ހުރި ޑީއާރްޕީގެ އޮފީސްތަކުން އިންތިޒާމްކޮށްގެން ބާއްވާ މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބައިވެރިވާ އެ ޕާޓީގެ ކެންޑިޑެޓުންނަށް ތައީދު ހޯދައިދިނުމާއި ޕާޓީގެ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާކުރުން ކަމަށެވެ.